ސަރުކާރުގެ ތަފާތު ޕޮލިސީތައް އެކުލަވާލަނީ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ، މަސައްކަތް ދަސްކޮށްދީގެން ދިރިއުޅުމަށް މަަގުފަހިވާނޭގޮތަށްކަމަށާއި، ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށް ފަހިކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދިނުން މުހިންމު ކަމަށް މަތީ ތައުލީމާއިބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވަޒީފާގެ މަސައްކަތަށް ބޭނުންވާ ތައުލީމާއި ހުނަރު އެއީ ރާއްޖެއަށް ބޭނުންވާ އެންމެ މުހިންމު އެއް ދާއިރާ ކަމަށެވެ. އަދި މި މަސައްކަތުގެ ތައުލީމާއި ހުނަރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރެވޭ އުމުރުފުރާގެ އެންމެނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

Ad
rt

ޕޮލިޓެކްނިކުން ކުރަނީ އެމަސައްކަތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުގެ ތަފާތު ޕޮލިސީތައް ވެސް އެކުލަވާލަނީ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ، މަސައްކަތް ދަސްކޮށްދީގެން ދިރިއުޅުމަށް މަގުފަހިކޮށްދެވޭތޯ ކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ހުނަރުވެރި ދިވެހިން އެބަތިބި ކަމަށެވެ.

އެހެންނަމަވެސް ސަނަދެއް ނެތުމުން ގޮންޖެހުންތައް ކުރިން ކުރިމަތިވި ކަމަށާއި އެކަމަކު މި ސަރުކާރުން މިހާރު ވަނީ ރަސްމީ ތައުލީމުގެ ދާއިރާއަށް ނުވަދެ، ސަނަދެއް ހޯދުމުގެ ފުރުސަތު ފޯރުކޮށްދީފައި ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި ބޭނުންވާ ދާއިރާތައް ދެނެގަންނަން މުހިންމު. ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށްޓަކައި ފަހިކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދިނުން މުހިންމު." ވަޒީރު ވިދާޅުވި އެވެ.

ހަމަމިއާއެކު އަަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތުލުސްދޫ، ރ. އަލިފުށި، ނ. ކެނދިކުޅުދޫ، ހއ. ދިއްދޫގެ މަސައްކަތްތައް ފެށިފައިވާ ކަމަށާއި އެރަށްރަށުގެ ރައްޔިތުންނަށް އެކަމުގެ އިހުސާސް ވާނެކަމަށް ވެސް ވިދާޅުވި އެވެ.