ހުޅުމާލޭގައި ގަރާޖު ހެދުމަށް ބޭނުންވާ ފަރާތްތަކުން، ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ ގަރާޖުގެ މަސައްކަތަށް ހުޅުމާލެއިން 23 ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

އެ ބިންތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީން ވިދާޅުވެއެވެ.

މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުދި ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް އެކުންފުނިން ނިންމީ ނޮވެމްބަރު ފަހުކޮޅު އެވެ. އަދި ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތްކުރެވޭ ގޮތަށް ވެސް އުސޫލުތައް ވަނީ ބަދަލުކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަނަށްވާއިރު، މި ގަރާޖުތަކުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންގ ފަދަ ކަންކަން ވެސް އަންނަނީ ކުރަމުން ނެވެ.

މިފަދަ ތަންތަނުގައި އެކި ބާވަތުގެ ކެމިކަލްތައް ބޭނުންކުރުމުން ދިއުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް މެދުވެރިވެ، ބައެއް މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފަ އެވެ.