މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފި އެވެ.

އެމްއެމްސީގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި އެމްޖޭއޭ އިން ވަނީ އެފަރާތަކީ ވެސް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރަމުން އަންނަ ފަރާތެއް ކަމަށާއި ހަމައެގޮތަށް އެމްއެމްސީ އަކީ ވެސް އެ މަގުސަދުގައި މަސައްކަތްކުރާ ބައެއްކަން ފާހަގަ ކުރައްވާފަ އެވެ.

Ad
rt

އެގޮތުން އެފަރާތުން މާލެއާއި އަތޮޅު ތެރޭގައި ހިންގާ ތަފާތު އެކި ޕްރޮގްރާމުތައް ދެފަރާތް ގުޅިގެން ހިންގިދާނެކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. ހާއްސަކޮށް ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށާއި މިހާރުވެސް ތިބި ފަރާތްތަކަށް އިތުރަށް ތަމްރީނު ދިނުމަށް ކުރާ މަސައްކަތުގައި ވެސް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މީޑިއާ ކައުންސިލުގެ އައު ދައުރުގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވީ އައު ދައުރަށް މެމްބަރުން އިންތިހާބުވުމަށްފަހު، އެންމެފުރަތަމަ ބައްދަލުކުރީ އެމްޖޭއޭ އިން ކަން ފާހަގަކުރައްވާ އެކަމަށްޓަކއި ޝުކުރުއަދާ ކުރައްވާފަ އެވެ.

މީގެ އިތުރުން އެމްޖޭއޭ އިން ހުށަހެޅުއެއްވި ކަންކަމާއި ގުޅޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު، އެދެވޭ އެންމެރަނގަޅު ގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އެރުވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޖޭއޭގެ ފަރާތުން ރައީސް، ނައިބު ރައީސް އަދި އެސްޖީ އާއި އެކްސްކޯ މެމްބަރު ބައިވެރިވެވަޑައިގެންނެވި އެވެ. އެމްއެމްސީގެ ފަރާތުން ރައީސް އާއި ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.