ކަށުނަމާދު އިއުލާން ކުރުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އެންގި ކަމަށް ނިޔާވާ މީހުންގެ ކަށުނަމާދުގެ ވަގުތު އާންމުކުރަމުން އަންނަ "ކަށުނަމާދު" ޕޭޖުގެ ފަރާތުން ބުނެފި އެވެ.
އެ ޕޭޖު އަދި ކަށުނަމާދުގެ މައުލޫމާތު ފެތުރުމަށް ހާއްސަކޮށް ހިންގާ ވައިބާ ކޮމިއުނިޓީ ހިންގުމުގައި އިސްކޮށް ހުންނަވަނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ އާސަހަރާގައި ހިދުމަތް ކުރައްވަމުން އަންނަ ހިދުމަތްތެރިޔާ، އަހްމަދު މުނައްވަރެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އަހްމަދު މުނައްވަރު ވިދާޅުވީ އޭނާއަށް އެކަން އެންގީ މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އަދި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ސިޓީ ކައުންސިލުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، އެކަން ނުކުރެވޭނެ ކަމަށް އޭނާއަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު ބޭއްވި ބައްދަލުވުމެއްގައި އެސްޖީ ވިދާޅުވީ އެއީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކޭ. އަދި އަޅުގަނޑަކީ އެ ކައުންސިލުގައި ވަޒީފާ އަދާކުރާ މީހަކަށް ވާތީ ކަށުނަމާދުގެ ވަގުތު އާންމުކުރުން ހުއްޓާލުމަށް ބުނީ. ދެން އަޅުގަނޑު ދެންނެވިން ރަސްމީކޮށް ލިޔުމަކުން އަންގާށޭ. އޭރުން ހުއްޓާލާނަމޭ. މިވީހައި ތަނަށް ވެސް އަޅުގަނޑު މިކަން ކުރަމުން އައީ." އޭނާ ވިދާޅުވި އެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ ކަށުނަމާދު ވަގުތު އިއުލާން ކުރުމަކީ ކައުންސިލުގެ ރަސްމީ ހައްސިއްޔަތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެސްޖީ ވިދާޅުވިޔަސް މިވީހައިތަނަށް އެ ކައުންސިލުން އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން އެކަން ނުކުރުމަށް ނާންގާހާ ހިނދަކު، އެކަން ކުރާނެ ކަމަށެވެ.
މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކަށުނަމާދު ޕޭޖު ހުއްޓާލަން އެންގި ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެ ޕޭޖު ހުއްޓާލަން ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށެވެ.
ކަށު ނަމާދު ޕޭޖާއި ވައިބަރ ގުރޫޕު މިހައިތަނަށް ވެސް ހިންގަމުން އައިސްފައިވަނީ އަމިއްލަ ފަރާތަކަކުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!