ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކުރުމަށް ފަހު އާޖެންޓީނާއިން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި މެސީއާއި އެމްބާޕޭގެ ލަނޑުން ދެ ޓީމް 3-3 އެއްވަރުވިއެވެ. ވުމާއެކު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާޖެންޓީނާ މޮޅުވެފައި ވަނީ 4-2 އިންނެވެ.
މި މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓް ކޮށްގެން އާޖެންޓީނާ ކުޅެފައިވާއިރު، މުޅި ހާފުގައި ވެސް ފްރާންސްގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ.
މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ. މި ޕެނަލްޓީ ލިބިފައި ވަނީ ފްރާންސްގެ ޑެމްބެލޭ އޭރިއާތެރެއިން ޑިމާރިއާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. މި ލަނޑާއެކު މެސީ ވެފައިވަނީ އެއް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާއި ގަދަ 16 އާއި، ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ފައިނަލްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެޗުގައި އާޖެންޓީނާގެ ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެކް އެލަސްޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިމާރިއާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނު އިރުވެސް ފްރާންސަށް އާޖެންޓީނާގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ އާޖެންޓީނާއެވެ. ނަމަވެސް ފްރާންސަށް ވަނީ 80 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް އެމްބާޕޭ ވަނީ ފްރާންސަށް އުންމީދު ހޯދާދީފައެވެ. ޕެނަލްޓީއާއި ހަމައަށް ދަށްކޮށް ފެނުނު ފްރާންސް ޕެނަލްޓީއަށް ފަހު މެޗު ކޮންޓްރޯލް އަތުލިއެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި މިނެޓުގައި ތުރަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެމްބާޕޭ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ މި ނަތީޖާއިންނެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި މެސީ ވަނީ ލަނޑުޖަހައި އާޖެންޓީނާއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެމްބާޕޭ ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށް، އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފައިނަލެއްގައި ކުޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކެވެ. އެމްބާޕޭގެ ކުރިން ވޯލްޑް ކަޕެއްގެ ފައިނަލުގައި ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިއަކީ އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ، ޖިއޯފް ހާސްޓް އެވެ.
މެޗިގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ފްރާންސުންނެވެ. އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރިއިރު، އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ މެސީއެވެ. މެސީ ވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.
ފްރާންސްގެ ދެވަނަ ޕެނަލްޓީ ކިންގްސްލީ ކޮމަން ފޮނުވާލިއިރު އެ ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އާޖެންޓީނާގެ ދެވަނަ ޕެނަލްޓީ ޑިބާލާ ކާމިޔާބު ކޮށްދިންއިރު، ފްރާންސްގެ ތިންވަނަ ޕެނަލްޓީ ދިޔައީ ބޭރަށެވެ. އެ ޕެނަލްޓީ ފޮނުވާލީ ޗުއަމެނީއެވެ. އާޖެންޓީނާގެ ތިންވަނަ ޕެނަލްޓީ ޕަރުދޭސް ކާމިޔާބު ކޮށްދިންއިރު، ފްރާންސްގެ ހަތަރުވަނަ ޕެނަލްޓީ މުއާނީ ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުން އާޖެންޓީނާ މޮޅުވި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ މޮންޓިއެލްއެވެ.
މި ކާމިޔާބު އެންމެ ހާއްސަވާ ކުޅުންތެރިޔަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މެސީގެ މި ކާމިޔާބާ އެކު އޭނާ އަށް ވަނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހާސިލު ކުރާނެ ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް އަދަދަކަށް ހޯދައިފައިވާ މެސީ އަށް ފުޓްބޯޅައިގައި މީގެ ކުރިން ނުލިބި އޮތީ ވޯލްޑް ކަޕް އެކަންޏެވެ.
މިއީ އާޖެންޓީނާ ވޯލްޑް ކަޕް ތަށި ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މިއީ 1986 ވަނަ އަހަރު މަރަޑޯނާ އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ފަހު އެ ތަށީގައި އާޖެންޓީނާއަށް އަތްލެވުނު ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!