މިއަހަރުގެ ޑިސެމްބަރު މަހު ފުރަތަމަ ދެ ހަފުތާގައި 74،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހައިތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެމަހު 153،737 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ad
rt

ކޮވިޑުގެ ބަލިމަޑުކަމަަށްފަހު، ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިއަހަރު އެންމެ މަދުން ފަތުރުވެރިން އައީ ޖޫން މަހު އެވެ. އެމަހު ރާއްޖެ އައިސްފައި ވަނީ 110.889 ފަތުރުވެރިން ނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، 224،640 ފަތުތުވެރިންނާއެކު މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އަވަށްޓެރި އިންޑިއާ އިން ނެވެ. މިއީ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބަލާއިރު ނިސްބަތުން 14.3 އިންސައްތަ އެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ، ޔޫކޭ، ޖަރުމަނު އަދި އިޓަލީ ވިލާތުން ނެވެ.

ރާއްޖޭގައި މިހާރު 168 ރިޒޯޓުގައި 41،041 އެނދު އޮޕަރޭޝަނަށް ވަނީ ގެނެސްފަ އެވެ. އަދި 875 ހޮޓެލް، ގެސްޓް ހައުސްގައި 15،756 އެނދު އަންނަނީ ބޭނުންކުރަމުން ނެވެ. 158 ސަފާރީ އުޅަނދުގައި 2،918 އެނދު އަންނަނީ ބޭނުންކުރަމުން ނެވެ.

މިއީ ޖުމްލަ 59،715 އެނދެވެ.