ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.
މިރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ވަނީ އެންމެ ފަހުގެ ރަނަރަޕް ޓީމް ކަމަށްވާ ކްރޮއޭޝިއާގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.
މެޗު ފަށައިގެން އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖެހުމާއި ހަމައަށް ކްރޮއޭޝިއާއިން ވަނީ ގޭމް ޑޮމިނޭޓް ކޮށްގެން ކުޅެފައެވެ. ކްރޮއޭޝިއާއިން ޑޮމިނޭޓް ކުރިނަމަވެސް މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓް ފާއިތުވެގެން ދިޔައިރު ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ އެދެވޭ ފުރުޞަތެއް ތަނަވަސް ކުރެވިފައި ވެސް ނުވެއެވެ.
މެޗުގައި އާޖެންޓީނާއިން ލީޑް ނަގާފައި ވަނީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ އާޖެންޓީނާގެ ފޯވާޑް އަލްވަރޭޒްއަށް ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ކުރި ފައުލަކާއި ގުޅިގެން ދީފައިވާ ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއެވެ.
މި ލަނޑާއިއެކު މެސީ ވަނީ އާޖެންޓީނާއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން އެ ޓީމްގެ ކުރީގެ ފޯވާޑް ބަޓިސްޓޫޓާ ހަދާފައިވާ ރެކޯޑް މުގުރާލާފައެވެ. ބަޓިސްޓޫޓާ ވަނީ އާޖެންޓީނާއަށް ވޯލްޑް ކަޕްގައި 10 ލަނޑު ޖަހައިދީފައެވެ. މެސީ މިރޭ ޖެހި ލަނޑާއިއެކު އޭނާ ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.
މެޗުގެ ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވަރޭޒްއެވެ. އަލްވަރޭޒް މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އާޖެންޓީނާގެ ހާފްގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް ކްރޮއޭޝިއާގެ ދެ ޑިފެންޑަރުން ގައިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް ބޯލަ ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ކްރޮއޭޝިއާއިން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކޮށްފައެވެ. ނަމަވެސް އާޖެންޓީނާއިން ވަނީ 69 ވަނަ މިނެޓުގައި އެ ޓީމްގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު މެސީގެ މޮޅު އެސިސްޓަކުން ކާމިޔާބު ކޮށްދީފައި ވަނީ ވެސް އަލްވަރޭޒްއެވެ.
މުޅި މެޗަށް ބަލައިލާއިރު، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކްރޮއޭޝިއާ ކުޅުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް އެ ޓީމަށް ލަނޑު ޖަހާނެ މާ އެދެވޭ ފުރުޞަތެއް ހޯދިފައި ނުވެއެވެ.
މިއީ މެސީ އާޖެންޓީނާއަށް ވޯލްޑް ކަޕްގައި ކުޅެދިން 25 ވަނަ މެޗެވެ. ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗް ކުޅުމުގެ ރެކޯޑް ކުރިން އޮންނަނީ ޖަރުމަންގެ ކުރީގެ ކުޅުންތެރިޔާ ލޯތާ މެތެއުސް އަތުގައެވެ. އޭނާ ވެސް ވަނީ ވޯލްޑް ކަޕްގައި 25 މެޗު ކުޅެފައެވެ. މި މުބާރާތުގެ ފައިނަލުގައި މެސީ ކުޅެފިނަމަ އޭނާއަށް އެ ރެކޯޑް އަމިއްލަ ވެގެންދާނެއެވެ.
އެންމެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލެއްގައި ކުޅެފައިވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ފައިނަލުގައި ޖަރުމަނު އަތުން ވަނީ ބަލިވެފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ 00:00 ގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މޮރޮކޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!