ޙަޤީޤަތަކީ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ މުބާރާތެކެވެ. ވަރަށް ވެސް ބޮޑު އަދި އެތައް ބަޔަކު އޭގައި ޝާމިލުވެފައިވާ ޓޯނަމަންޓެކެވެ. މުބާރާތެއްގައި ބައިވެރިވެފައިވާ ކޮންމެ މީހެއްގެ ވެސް އެންމެ މުހިންމު ކަަމަކަށްވާނީ އެ މުބާރާތަކުން މަތީ ވަނައެއް ހޯދުމެވެ. އަޅުގަނޑުމެންގެ މި ތަޢުލީމީ ނިޒާމުގެ ބިޔަ ބޮޑު މުބާރާތުގެ އެކި އެކި ކެޑެގަރީތަކުގައި ބައިވެރިވާ ފަރާތްތަކުގެ އަމާޒުވެސް ހުރީ މިފަދައިން މުބާރާތުން އެންމެ މަތީ ވަނައެއް ހޯދުމަށެވެ.

ދިވެހިރާއްޖޭގެ މަދަރުސާ ތަކުގެ އެންމެ އިސް ވެރިން ކަމަށްވާ އިއްޒަތްތެރި ޕްރިންސިޕަލުން މަދަރުސާއަކާ ޙަވާލުވާ ހިސާބުން އެ ފަރާތްތަކުން އެ ވަދެވަޑައިގަންނަވަނީ މުބާރާތަކަށެވެ. މި މުބާރާތުގެ އެންމެ މުހިންމު ކަމަކީ މަދަރުސާގެ އޯލެވެލް-އެވްރެޖާއި ފާސް އިންސައްތަ ބޮޑު ކުރުމެވެ. ހަމަ އެހެންމެ އޯލެވެލް އިން އޭ ހޯދާ ދަރިވަރުންގެ އަދަދު އިތުރު ކުރުމެވެ. އަދި އެންމެ މުހިންމު ކަމަކަށް މަދަރުސާއިން "ޓޮޕް-ޓެން" އަށް އަރާ ކުރިންގެ އަދަދު އިތުރު ކުރުމެވެ.

Ad
rt

މަދަރުސާތަކުގައިވާ ކޮންމެ ދަރިވަރަކީ މުބާރާތެއްގައި ވާ ކުއްޖެކެވެ. މާކްޝީޓުގައި ލިޔެލެވޭ އަދަދުތަކާއި މޮކް ޓެސްޓުގެ ނަތީޖާއާއި ނޭޝަނަލް ޓޮޕް-ޓެންގައި އެ ދަރިވަރު ހިމެނިފައިވާ ހިސާބަކީ އެދަރިވަރުންގެ ކިބައިގައި އަށަގަނެވޭ ހުނަރުތަކާއި، ޙަޤީޤީ މާނައެއްގައި އުނގެނެވޭ ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ "ލާން" ކުރެވޭ އެއްޗަކަށް ވުރެ މުހިންމު އެއްޗަކަށް މި ވަނީ ވެފައެވެ.

ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ވިސްނުން ހުންނަނީ އެމާކްޝީޓު އުޖާލާ ކޮށް ޖަރީކުރާށެވެ. ނުވަތަ ޕްރައިޒް-ޑޭގައި މަދަރުސާގެ ގަދަ ދިހައެއްގައި ހިމެނުމަށްޓަކައި މޮކް ޓެސްޓުން މަތީ ނަތީޖާއެއް ގެންނާށެވެ. ނުވަތަ ނޭޝަނަލް ޓޮޕް-ޓެން ގައި ހިމެނުމަށްޓަކައި އޯ ލެވެލްގެ ނަތީޖާ "ޕާފެކްޓް" ކުރާށެވެ. ދަށް ގުރޭޑް ތަކުގައި ފޯމަޓިވް އެސެސްމަންޓުތައް ތަޢާރަފް ކުރުމަކީ ހެޔޮ ފާލެއްކަމުގައި ވަރަށް ގިނަ މީހުން ދެކުނެވެ. ނަމަވެސް ލިޔަން ކިޔަން ނުދަންނަ ކުއްޖާގެ ހުރިހާ ފޯމަޓިވް އެސެސްމަންޓު ތަކުގައި ވެސް ވަނީ އެ އެސެސް ކުރި ކަމެއް ޙާޞިލު ވަނީ އެވެ.

ވާނީ ވެސް އެހެންތާއެވެ. ވަޒަން ކުރަން މުދައްރިސުންނަށް ދެވިފައިވާ ޝީޓުގައި ވަނީ ތިނެތިންކުރެ އެކައްޗެއް އިޚްތިޠާރު ކުރުމަށެވެ. "ފުލީ އެޗީވްޑް" (ފުރިހަމައަށް ޙާޞިލުވެފަ)، "މޯސްޓްލީ އެޗީވްޑް" (ގިނަ ބައިތައް ޙާޞިލުވެފަ) ނުވަތަ "އެޗީވިންއެވެ." (ޙާޞިލު ވަނީއެވެ.) މިއެވެ. އަދި ޙާޞިލެއް ނުވެޔޭ ކިޔާ ބައެއް ނޯވެއެވެ. ދަރިވަރު ވަޒަން ކޮށްލި އިރު، ޙާޞިލު ވުމުގެ ދާއިރާގެ ތެރެއަށް ކުޑަކޮށްވެސް ވަދެފައި ނުވާތީ "ޙާޞިލު ވަނީ" އޭ ޖަހާފަ އިން ބަޔާ ދިމާލުގައި ފާހަގަ ޖަހަށް ދެކޮޅު ހަދާ ބައެއް މުދައްރިސުންނަށް އެތާގައި ފާހަގަ ޖަހަށް މަތިން އަމުރު އައިސްފަވެސް އެބަ ހުއްޓެވެ.

މަތީ ގުރޭޑްތަކުގައި ގިނަ ދަރިވަރުން ބޮޑަށް ފޯކަސް ކުރަނީ ފިލާވަޅުތައް ހިތުދަސްކޮށްލެވޭތޯއެވެ. ހިތުދަސްކޮށްލައިގެން ގޮސް ހިތުދަސް ކުރި ގޮތަށް އިމްތިހާނު ކަރުދާހުގައި ލިޔެލުމަށެވެ. ނުވަތަ ކޭމްބްރިޖުންނާއި ޑީ.ޕީ.އީ އިން އޯލެވެލް އިމްތިހާނު ނަގަން ފެށީއްސުރެ މިއަދާ ހަމައަށް ފެންނަން ހުރި ހުރިހާ ޕާސްޓް-ޕޭޕަރުތަކެއް ހަދާލައިގެން އިމްތިހާނަށް ދާށެވެ. ވާނީ ވެސް އެހެންތާއެވެ. މި އިމްތިހާނަކީވެސް މުބާރާތަކަށް ވެފަައި ވުމުން އިމްތިހާނު ކަރުދާހުގައި މިވަނީ ކުރީގެ އިމްތިހާނު ތަކުގައި އަހާފައިވާ ސުވާލުތަކެވެ. ބައެއް އަދަދު ތަކާއި ނަންތައް ބަދަލުވުން ފިޔަވާ ބައެއް ސުވާލު ތަކުގައި އެއްވެސް ތަފާތެއް ފެންނާކަށް ނުހުރެއެވެ. އެހެންކަމުން ޕާސްޓް-ޕޭޕަރުތައް ހަދާލުމުން އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ފުދޭނެކަމަށް ގިނަ ދަރިވަރުން ދެކެއެވެ.

އެހެންކަމުން އިމްތިހާނުތަކަކީވެސް ދަރިވަރުން ވަޒަންކުރުމަށް ނެގޭ އެއްޗެއްގެ ބަދަލުގައި މިހާރު މުބާރާތެކެވެ. މިހުރިހާ ސަބަބުތަކަކާއެކީ، ގުރޭޑް ދިހައެއް ނިންމައި މަދަރުސީ ޙަޔާތް ނިންމާލާ "މޮޅު ކެޓަގެރީގެ" ކުއްޖެކޭ، ގުރޭޑް ފަހެއްގެ ކުއްޖެކޭ ތަފާތެއް ނުހުރެއެވެ. އުޅެނީ ކުޑަ ކުއްޖެއް އުޅޭ ހެންނެވެ. ހަރުދަނާ ކަމެއް ނުހުރެއެވެ. ހުނަރެއް ދަސްވެފައެއް ނުހުރެއެވެ. ކުޑަމިނުން ވަޒީފާއަށް އެޕްލައިކުރަން ސިޓީއެއް ލިޔަން ވެސް ދާން މިޖެހެނީ ދިހަ އަހަރުގެ މަދަރުސީ ޙަޔާތުގައި ސިޓީ ލިޔަން ދަސްކޮށްދިން މުދައްރިސުން ގާތަށެވެ.

މިގޮތަށް އިމްތިޙާނުގައި ލިޔަންވީ ބައިތައް ހިތުދަސްކޮށްގެން ޢިލްމެއް ނުލިބޭނެއެވެ. ޢިލްމު ލިބޭނީ އުނގެނުމަށްޓަކައި ސިކުނޑިއާއި ބުއްދީގެ ބޭނުންކޮށްގެން ކިޔަވާ ކިޔެވުމުންނެވެ. ދިރިއުޅުމާ ކިޔަވާ އެއްޗަކާ ގުޅުވައިގެން އުނގެނޭ އުނގެނުންތަކުންނެވެ. އުނގެނޭ އެއްޗަކަށް ޢަމަލުކުރަމުން މަދަރުސާއިން ބޭރުގައި، އާންމު ދިރިއުޅުމުގައި އެކަންކަން ޕްރެކްޓިސް ކޮށްގެންނެވެ. އެއާއެކު މީހާ މީހަކަށް ވުމަށްޓަކައި އެމީހެއްގެ ކިބައިގައި އަށަގަންނުވަން ޖެހޭ ހުނަރުތައް ވެސް އަށަގަންނާނީ މިދެންނެވި ގޮތަށް އުނގެނުން ބައްޓަން ކޮށްގެންނެވެ. ނަމަވެސް އަދުގެ ތަޢުލީމީ ނިޒާމުގައި އެފުރުސަތެއް ދަރިވަރުންނަކަށް ނުލިބެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކިޔެވުމަކީ ވެސް މުބާރާތަކަށް ވެފައި ވުމެވެ.

ކިޔަވައި ދިނުމުގެ ދާއިރާއަށް ވަނުމާއެކު މުދައްރިސުން ވެސް އެބައިވެރިވަނީ މުބާރާތެއްގައެވެ. ޚާއްސަކޮށް މަތީ ގުރޭޑްތަކަށް ކިޔަވައިދޭ މުދައްރިސުންނެވެ. އެ މުދައްރިސުންގެ ކިބައިން އެދެވިގެންވަނީ މަދަރުސާގެ އޯލެވެލް އެވަރޭޖާއި ޕާސް-ޕަސެންޓޭޖް އިތުރު ކުރުމެވެ. އަދި ގަދަ-ދިހަޔަކަށް އަރާ ދަރިވަރުންގެ އަދަދު އިތުރުކުރުމެވެ.

އެހެންކަމުން، ގަދަ ދިހައެއްގެ މި ދޯހަޅި ސިސްޓަމުގެ އަޅުވެތިކަމުގައި، އެދިހައެއްގެ ވަނަތަކަށް ދަރިވަރުން ތަކެއް ތައްޔާރު ކުރުމަށްޓަކައި، ބައެއް މަދަރުސާތަކުގައި އެއް އިމްތިޙާނެއް ހަދާ ދަރިވަރުންގެ ތެރެއިން ޚާއްސަ ކުދިބައެއް އިޚްތިޔާރު ކުރެވި، އެކުދިންނަށް އިތުރު ޚާއްސަ ކުލާސްތަކެއް ނަގައި ހަދައެވެ. އަދި މި މަދަރުސާތަކުގައި ގުރޭޑް ދިހައެއްގެ ފުރަތަމަ ޓާމުގެ ނަތީޖާއަށް ބަލައި "ވަކި ލެވެލްއެއްގެ" ދަރިވަރުންތަކެއް ފާހަގަކޮށް، މިދަރިވަރުން މަދަރުސާގެ ދަރިވަރެއްގެ ގޮތުގައި އޯލެވެލް އިމްތިހާނު ހެދުމުން މަޙުރޫމު ކުރުވައެވެ. ސަބަބަކީ އެދަރިވަރުން މަދަރުސާގެ ނަމުގައި މި "މުބާރާތުގައި" ބައިވެރި ވެއްޖެ ނަމަ މަދަރުސާގެ ފާސް އިންސައްތަ ދަށްވާނެތީއެވެ. ކިހާ ބޮޑު ބޭއިންސާފެއްތޯއެވެ!

ދެން ޕްރައިމަރީ ގުރޭޑްތަކުގެ މުދައްރިސުން ދަންނައެވެ. މި މުދައްރިސުންނަކީ މަދަރުސާއަށް ކިހާ މުހިންމު ބައެއްތޯ އޭގެއިން މުދައްރިސެއް ގާތުގައި އައްސަވާބައްލަވާށެވެ. އެކިއެކި މަދަރުސާތަކުގެ ޕްރައިމަރީ މުދައްރިސުންގެ ގާތުގައި މި ސުވާލު ކޮށްލުމުން އަޅުގަނޑަށް އެނގުނު ކަމަކީ، މަދަރުސާގައި ޤަދަރުވެރި ބައެއް ކަމުގައި ދެކެވެނީ ސެކަންޑަރީ މުދައްރިސުން ކަމެވެ. ސަބަބަކީ މި މުބާރާތުގައި މަދަރުސާއަށް ރިވެތި ނަންތައް ހޯދައިދޭ ބަޔަކީ ސެކަންޑަރީ މުދައްރިސުން ކަމުގައި ވާތީއެވެ. އެހެންކަމުން ޕްރައިމަރީ މުދައްރިސުންނަކީ މުހިންމު، ނަމަވެސް އެހާ މުހިންމު ބައެއް ކަމުގައި ނުދެކެވެއެވެ.

ބެލެނިވެރިން ވެސް ދަރިފުޅު މަދަރުސާއަށް ވަންނަ ހިސާބުން ބައިވެރިވަނީ ބޮޑު މުބާރާތެއްގައެވެ. އަދި މިއީ ބައެއް ފަހަރަށް މާ ފޯރިގަދަވާ މުބާރާތެކެވެ. އެހެން ބެލެނިވެރިންގެ ކުރިމަތީގައި ފޮނިކަނޑާލެވޭ ފަދަ މަތީ ނަތީޖާއެއް ދަރިފުޅު ހޯދަން ޖެހެއެވެ. ތަޅާމަރައިގެންވެސް ހުރިހާ މާއްދާއަކުން "އޭ" ގުރޭޑު ދަރިފުޅަށް ހޯދައިދޭން މަސައްކަތް ކުރަން ވެއެވެ. އަދި ބައެއްފަހަރަށް މަންމަ ބުނެލާނެއެވެ. "ދަރިފުޅާއެވެ. ކޮންމެހެން ހަދާފަވިޔަސް ޓޮޕް-ޓެން އަށް އަރާށެވެ. ގިނައިން ޕާސްޓް-ޕޭޕްރު ހަދާށެވެ. އޯލެވެލް ޓެސްޓުގަ ވެސް އަންނަނީ ޕާސްޓް-ޕޭޕަރުގަ ހުރި ސުވާލު ތަކޯ ދަރިފުޅުމެން ކުލާހު އަހުމަދުގެ މަންމަ ކިޔާ އަޑު އެހީމެވެ." ދަރިފުޅަށް މަތީ ނަތީޖާއެއް ލިބެނިކޮށް އެ ނިމުނީއެވެ. މި ނަތީޖާ ހޯދުމަށްޓަކައި އަތުން ހޭދަވާ ފައިސާ އަކަށް ފަރުވާލެއް ނެތެވެ. އަގުބޮޑުހެން ހީވާ ޓިއުޝަންތަކަކަށް ފޮނުވައިގެންވެސް މިކަން ވޭތޯ ބަލައެވެ. ދަރިފުޅަށް އެއްޗެއް އުނގެނުނުތޯ، އެދަރިފުޅުގެ ކިބައިގައި ހުނަރެއް އަށަގަނޭތޯ، ހަރުދަނާ ޒިންމާދާރު މީހަކަށް އެދަރިފުޅު އެބަ ވޭތޯ ބެލުމެއް ނޯވެއެވެ.

އަދި މިހާރު މިވަނީ ކުރިން ނެތް ކެޓަގަރީ އެއް ގެ މުބާރާތެއް ވެސް ތަޢާރަފު ވެފައެވެ. އެއީ އެންމެ ރީތި ޔުނީފޯމެއް ހޮވާ މުބާރާތެވެ. މަދަރުސާއަކުން ތަފާތު ސްޓައިލެއްގެ ޔުނީފޯމެއް ނެރޭއިރަށް އެހެން މަދަރުސާތަކުން މޮޅެތިހެން ހީވާ ޑިޒައިނަރުންނާ ވާހަކަދައްކައިގެން އެއަށްވުރެ ތަފާތު-ރީތި ޔުނީފޯމެއް ހެދޭތޯ ބަލައެވެ. ކުރާނީ ކީއްހެއްޔެވެ. އެންމެ ފަހުން މަދަރުސާގެ ޔުނީފޯމުވެސް ވަންނަން މި ޖެހުނީ މުބާރާތަކަށެވެ.