ޚިދުމަތްތަކުގެ އަގު ބޮޑުކުރަން، އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޚިދުމަތް ތަކުގެ އަގު ބޮޑުކުރަން ނިންމީ، 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމާއި ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ މުދަލާއި ޚިދުމަތުގެ އަގުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޮޑުވެފައިވާތީ ކަމަށެވެ.
އެގޮތުން، އޭޑީކޭ ހޮސްޕިޓަލްގެ ހިންގުމުގެ ހަރަދުތައް އެތައް ގުނައަކުން ބޮޑުވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކުގެ އަގުތައް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަގުތައް ބޮޑު ކުރުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށްވެސް އެހޮސްޕިޓަލުން ބުންޏެވެ.
އެހޮސްޕިޓަލުން އިތުރަށް ބުނީ ވީހާވެސް ލުއި ގޮތަކަށް މި ބަދަލުތައް ގެނައުމުގެ ގޮތުން ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމުގެ ނިންމާފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.
އަދި އަގުތަކަށް އައި ބަދަލު އެ ހޮސްޕިޓަލްގެ ކައުންޓަރުތަކުން ލިބޭނެ ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!