ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2022 ކާމިޔާބުކުރާނެކަން ފާހަގަކުރުމަށް އިންގްލެންޑު ކުންފުންޏަކުން ހެދި ގިނައަދަދެއްގެ ޓީޝާޓް ސޭލްގައިވެސް ނުވިކި، ބޮޑު ގެއްލުމެއް ކުރިމަތިވެއްޖެ އެވެ.

ފްރާންސްއާ ދެކޮޅަށް ކުޅުނު ތްރީ ލަޔަންސްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ވޯލްޑް ކަޕުން މިހާރު ވަނީ ވަކިވެފަ އެވެ.

Ad
rt

ޑޯސެޓްގައި ހުންނަ ހޯލްސޭލް ކްލިއަރެންސް ޔޫކޭ އިން ވިއްކަމުން ދިޔައީ "އިންގްލެންޑް، ވޯލްޑް ކަޕް ވިނާސް 2022، އިޓްސް ފައިނަލީ ހޯމް" މި މެސެޖު ލިޔެފައިވާ ޓީޝާޓްތަކެކެވެ.

ކުއާޓާ ފައިނަލުގެ ކުރިން އެ ޓީޝާޓްތައް ވިއްކަމުން އައީ 29.99 ޕައުންޑަށެވެ. އެ ޓީޝާޓްތައް ވިއްކަން ފަށާފައިވަނީ މުބާރާތުގެ ވަރަށް ކުރީކޮޅުގަ އެވެ.

"މިފަހަރު އިންގްލެންޑަށް ކަޕް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން، އަހަރެމެން މި ޕްރީ ރިލީޒް ކުރަނީ އަހަރެމެންގެ ޔުނިކް ވިނަރސް ޝާރޓްސް! އަހަރެމެންނަށް މިހާރު އަޑުއިވޭ... ދަ ޗެމްޕިއަންސް އޮފް ދަ ވޯލްޑް... އިންގްލެންޑް!!"

މި ޓީޝާޓްތައް ވިއްކުމަށް އެކުންފުނިން އެންމެ ފުރަތަމަ ކޮށްފައިވާ ބައެއް އިސްތިހާރުތަކުގައި ލިޔެފައިވެއެވެ.

ނަމަވެސް ކުއާޓާ ފައިނަލުގައި ފްރާންސް އަތުން 2-1 އިން އިންގްލެންޑް ބަލިވި މެޗަށް ފަހު، އެ އައިޓަމްގެ ޑިސްކްރިޕްޝަން މިހާރު ވަނީ އެޑިޓްކޮށްފަ އެވެ. އަދި އަގުވެސް ވަނީ ބޮޑުތަނުން ދަށްކޮށްފަ އެވެ. މިހާރު އަގަކީ 9.99 ޕައުންޑެވެ.

ސޭލް އަޅުވަމުން އެކުންފުނިން ބުނީ، ދެން އޮންނަ މުބާރާތާ ހަމައަށް އިންގްލެންޑްގެ ތަށީގެ ހުވަފެންތައް ވަނީ ނިމިފަކަމަށެވެ.

“އަޅުގަނޑުމެން މި ޔުނިކް ތަކެތީގެ އަގު ހެޔޮކޮށްފައި މިވަނީ ހަމަ ޔަގީނުންވެސް އިތުރަށް ނުލިބޭނެތީ! އެހެންކަމުން ފަޚުރުވެރިކަމާއެކު ލައިގެން، ކަލެކްޝަނަށް އިތުރުކޮށް، ކުޑަދޮރުތައް ސާފުކުރުމަށް ބޭނުންކުރުން... އަހަރެމެންނަކަށް ނޭނގެ "

ފަހު އެޑިޓްކުރި ޑިސްކްރިޕްޝަން ގައި ލިޔެފައިވެއެވެ.

ޕޫލްގައި ހުންނަ ހޯލްސޭލް ކްލިއަރެންސް ޔޫކޭގެ މެނޭޖިން ޑިރެކްޓަރު ކާލް ބެކްސްޓާ ބުނީ، މިހާރު ބާކީ އޮތީ 18،000 ޓީޝާޓް ކަމަށެވެ.

އިންގްލެންޑްގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރަން ބޭނުންވަނީ، މުޅި މުބާރާތުގައި އިންގްލެންޑުގެ ޓީމު ކުޅުނު މޮޅުކަން ހަނދާންކޮށްދިނުމަށް، އެއިން އެއް ޓީޝާޓް ގަނެ، އެއީ ތާރީހެއްގެ ގޮތުގައި ބެހެއްޓުމަށް އެދޭކަމަށެވެ. އަދި އެކުންފުނީގެ ނަޒަރުގައި އަދިވެސް އިންގްލެންޑަކީ ކާމިޔާބު ހޯދާނެ ޓީމެއް ކަމަށެވެ.