ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން މީގެ ކުރިން ކަނޑު ހުރަސްކޮށް ބްރިޖެއް އަޅައިފައި ނުކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމަށް މި ސަރުކާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ގަބޫލު ކުރައްވާ ކަމަށެވެ.
Ad
މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ މިކަމާ ބެހޭ ފަރާތަކާއި ވާހަކަ ދެއްކެވި ކަމަށާއި އިންޖިނިއަރިންގ ޑިޒައިން ނުދައްކާތީ އެ ބޭފުޅުން ވެސް ތިބީ ކަންބޮޑުވެފައި ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ ކަނޑު ހުރަސްކޮށް އަޅާ ބްރިޖެއްގެ އިންޖީނިއަރިންގ ޑިޒައިން ހެދުމުގެ ގާބިލުކަމާއި ޓެކްނޮލޮޖީ ވެސް އިންޑިއާގައި ނެތް ކަމަށާއި އެވާހަކަ ރާއްޖޭގައި ތިބި އިންޖީނިއަރިން ދާއިރާގެ ތަޖުރިބާކާރުން ވެސް ބުނަމުންދާ ކަމަށެވެ.
"މި ސަރުކާރުން ތިލަމާލެ ބްރިޖު ހަދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ސިނަމާލެ ބްރިޖު ހަދަން ދިޔަ އަގުގެ، ދެގުނަ އިތުރަށް ހަރަދުކޮށްގެން. ތިލަމާލެ ބްރިޖު ހަދަން 600 މިލިއަނަށް ވުރެ ގިނަ ޑޮލަރު މި ސަރުކާރުން ހަރަދުކޮށްފި. އެ އަގުގައި ސިނަމާލެ ބްރިޖު ކަހަލަ 10 ބްރިޖު ވެސް އެޅިދާނެ." ސައީދު ވިދާޅުވި އެވެ.
500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރުގެ މަޝަރޫއެކެވެ.
މީގެ އިތުރުން ބްރިޖު މަޝްރޫއު ހިމެނޭ ގޮތަށް އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން ސަރުކާރުން 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ވެސް ނަގާފައިވެ އެވެ.
ތިލަމާލެ ބްރިޖުގެ މައްސަލައިގާ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އާންމުން ވެސް އަންނަނީ މިކަމުގައި ވަރަށްބޮޑު ކަންބޮޑުވުންތަކެއް ފާލުކުރަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!