ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް، ކުރިއަށް އޮތް ތަނުގައި ޑިސްކައުންޓް ރޭޓްގައި އަދި ކްރެޑިޓް ލިބޭގޮތަށް، ކްރެޑިޓަކާ އެކީގައި މަސްވެރިންނަށް ތެޔޮ ލިބޭގޮތް ލަސްތަކެއްނުވެ އެސް.ޓީ.އޯ. އިން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރު ވަނީ ފަރެސްމާތޮޑާގައި ކުރިއަށް ދިޔަ މަސްވެރިންގެ ފޯރަމްގައި ބައިވެރިވެވަޑައިގެން، މަސްވެރިންގެ އަޑު އައްސަވާފައެވެ.

އެ ފޯރަމްގައި މަސްވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ރޭގެ ވާހަކަފުޅުގައި އަލިއަޅުވާލައްވަމުން، އެއިން އެއްކަމެއް ގޮތުގައި މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ނުލިބުމުގެ މައްސަލަ އާއި މަސްވެރިންނަށް ދޫކުރާ ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބުމުގެ ދަތިކަން މަސްވެރިން ފާހަގަކޮށްފައިވާތީ، އެކަމާއިގުޅޭގޮތުން ރައީސްގެ ރޭ ވިދާޅުވީ، ކުރީ ޒަމާނުގައި މިފްކޯއިން ތެޔޮ ވިއްކަން އޭރު ހަމަޖެހިފައި އެ އޮންނަނީ، އޭރު އެހެން ގޮތެއް ނޯންނާތީ ކަމަށެވެ. އެހެން ނަމަވެސް، މިއަދު އެސް.ޓީ.އޯ. އިން ވަކިން ތެޔޮ ވިއްކާކަމަށާއި، ވަކިން ސަބްސިޑީ ކުންފުންޏެއް އޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، މަސްވެރިން އެދިވަޑައިގެންނެވި ގޮތަށް، މަސްވެރިން ބޭނުންވާ ވަރަށް ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބޭނެގޮތް އެސް.ޓީ.އޯ. އިން ހަމަޖައްސަވައި ދެއްވުންކަމަށެވެ.

''އިރާދަކުރެއްވިއްޔާ، ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް، ކުރިއަށް އޮތް ތަނުގައި ޑިސްކައުންޓް ރޭޓްގައި އަދި ކްރެޑިޓް ލިބޭގޮތަށް، ކްރެޑިޓަކާ އެކީގައި މަސްވެރިންނަށް ތެޔޮ ލިބޭގޮތް ލަސްތަކެއްނުވެ އެސް.ޓީ.އޯ. އިން ހަމަޖައްސައިދޭނެ.'' ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަމުގެ ޞިނާޢަތުގައި ޙައްލުކުރަން ޖެހިފައި ހުރި ވަރަށްގިނަ ކަންތައްތައް ހުރިކަން ފާހަގަ ކުރައްވާފައެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކުގެ ލިސްޓްގައި ހުރިކަންކަމަކީ ހަމަ ޙަޤީޤަތުގައިވެސް ހުރި ކަންބޮޑުވުންތައް ކަމަށާއި، އެއީ އަވަހަށް ޙައްލުކުރަން ޖެހިފައި ހުރި ކަންތައްތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންގެ ފޯރަމްގައި މަސްވެރިންގެ އަޑު އެއްސެވުމަށްފަހު ރައީސް ޞާލިޙް ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް އަންނަ 2023 ވަނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ވިދާޅުވެފައެވެ.