މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާނެ މިންގަނޑަކީ އެއްވެސް އިރަކު މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައިނުވާ މީހުންނެވެ. މިހާރު ހަމަޖައްސާފައިވަނީ ކުރިން އެހެން ތަނެއްގައި ރަޖިސްޓަރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެއީ މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ ނަމަ މާލޭ މީހެއް ކަމަށް ބަލާ ގޮތަށެވެ.
އެ ބައި ބާތިލްކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ހުށަހެޅީ ވަކީލުންތަކެކެވެ.
އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލީ އެއީ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ފުރަތަމަ މަރުހަލާގައި އެ ކޯޓަށް ނުބެލޭނެތީ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ކަނޑައެޅި މިންގަނޑަކީ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ނޫން ކަމަށާއި އެއީ ހައުސިން މިނިސްޓްރީގެ ނިންމުމެއް ކަމަށެވެ. އަދި ދުސްތޫރީ މައްސަލައަކީ ގާނޫނެއް ނުވަތަ ގަވާއިދުގެ ބައެއް ބާތިލްކުރަން ހުށަހަޅާ މައްސަލަތައް ކަމަށް ހުކުމުގައިވެ އެވެ.
ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާފައިވަނީ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!