ރާއްޖޭގައި އެޗްއައިވީ ޖެހޭ މީހުން މަދުނަމަވެސް، މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި ކަމަށާއި އެޗް.އައި.ވީ އާއި ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައް ވެސް ރާއްޖެއިން ފެންނަމުންދާކަމަށް ވެސް ވިދާޅުވި އެވެ.

Ad
rt

މީގެ އިތުރުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް އެޗް.އައި.ވީ ހެޕަޓައިޓިސް އާއި އެހެނިހެން ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް ހިމެނޭގޮތަށް ކޮމްބައިންޑް ނޭޝަނަލް ސްޓްރެޖިކް ޕްލޭން ލޯންޗްކުރެވިފައިވާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެސް ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރެވޭނީ މި ތިން ބަލި ހިމެނޭގޮތަށް ބަލިން ރައްކާތެރި ކުރުމާއި، ބަލި ދެނެގަތުމާއި ބަލި ޖެހޭ ފަރާތަތަކަށް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ކަމަށެވެ.

އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާއީ ބާރު އެ ވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާއުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުން ދެއެވެ.

އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާއި ދޭތެރޭގައި ލޭޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ، އޭގެ މާނައަކީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައި ކަމަށް ޑޮކްޓަރުން އަންނަނީ ވިދާޅުވަމުން ނެވެ.

މި ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސް ކޮށެވެ. އެކަކު ގައިން އަނެކަކު ގަޔަށް އާންމު ގޮތެއްގައި އެޗްއައިވީ އަރަނީ ހަށިގަނޑުގެ ދިޔައިން ނެވެ.

ރާޢްޖެއިން އެންމެފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހަކު ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 39 މީހަކަށް ވަނީ މި ބަލި ޖެހިފަ އެވެ. އެއީ 6 އަންހެނުންނާއި 33 ފިރިހެނުން ނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 15 މީހުން މިހައިތަނަށް ނިޔާވެފައިވާއިރު، 22 މީހުން އަންނަނީ މި ބައްޔަށް ފަރުވާ ހޯދަމުން ނެވެ.