ފ. ދަރަނބޫދު އާއި ފީއަލީގައި ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.
ފީއަލީ ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ.
މީގެ އިތުރުން ދަރަނބޫދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ވެސް މިނިސްޓަރު ޢިމްރާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ.
ފީއަލީގައި ކުރިން ދެމުންގެންދިޔައީ ޕޮލިސް ޑެސްކުގެ ޚިދުމަތެވެ. އެ ޚިދުމަތް ޕޮލިސް ޕޯސްޓެއްގެ ޚިދުމަތަށް ބަދަލުކޮށް، ދަރަނބޫދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް ރަސްމީކޮށް ފުލުހުންގެ ޚިދުމަތްދޭންފަށާފައިވާއިރު އެ އަތޮޅު ނިލަންދޫ، މަގޫދޫ އަދި ބިލެތްދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ދަނީ ދެމުންނެވެ.
ދަރަނބޫދޫގައި އިއްޔެ ހުޅުވި ޕޮލިސް ޕޯސްޓާއެކު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށް ފުލުހުންގެ ޚިދުމަތްދޭންފެށި ފުރަތަމަ އަތޮޅަކީ ފ. އަތޮޅު ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!