ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލްއާއި މޮރޮކޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން މޮރޮކޯ ޖާގަ ހޯދައިފިއެވެ.

މިއީ އެފްރިކާގެ ގައުމެއް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މޮރޮކޯ ވެގެން ގޮސްފައި މިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދި އަރަބި ފުރަތަމަ ގައުމަށެވެ.

Ad
rt

މިރޭ ގަތަރުގެ ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބަށް މޮރޮކޯ އައިސްފައި ވަނީ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ސްޕެއިން އަދި ބެލްޖިއަމް ކަހަލަ ޓީމްތައް ބަލިކުރުމަށް ފަހުއެވެ. އެ މެޗުތަކުގައި މޮރޮކޯއިން ދެއްކި މޮޅު ޑިފެންސިވް ކުޅުން މިރޭ ޕޯޗުގަލްއާއި ދެކޮޅަށް ވެސް މޮރޮކޯއިން ވަނީ ތަކުރާރު ކޮށްފައެވެ.

ޕޯޗުގަލް މިރޭގެ މެޗަށް ވެސް ނުކުމެފައި ވަނީ އެ ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބޭންދުމަށް ފަހުއެވެ. މެޗު ފަށައިގެން ދެ ހަމަލާއެއް ޕޯޗުގަލްގެ ފެލިކްސް ފޮނުވާލިއިރު އެ ދެ ހަމަލާ ވެސް ގޯލާ އަމާޒެއް ނުވިއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ފޯވާޑް އެނެ ނެސޭރީއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލް އޭރިއާތެރެއަށް ހުރަސްވީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑު ވަތްތާ ދެ މިނެޓް ފަހުން ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލުން ވަނީ ދެ ބަދަލެއް ގެނެސްފައެވެ. މިގޮތުން އެ ޓީމްގެ ކެޕްޓަން ރޮނާލްޑޯއާއި ކެންސެލޯ ވަނީ ކުޅެން އަރުވާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލުން ވަނީ ގޭމް ވަރަށް ބޮޑަށް ޑޮމިނޭޓްކޮށް ލަނޑު ޖަހަން މަސައްކަތް ކޮށްފައެވެ. އެ ޓީމުން ފުރުޞަތު ތަކެއް ވެސް ވަނީ ހޯދާފައެވެ. ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖޯ ފެލިކްސް ފޮނުވާލި ނުރައްކާތެރި ހަމަލާ މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ.

މެޗުގައި ރޮނާލްޑޯއަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާ ވެސް ބޯނޯ ވަނީ ހުޝިޔާރުކަމާއިއެކު މަތަކޮށްފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް ވަނީ ޕޯޗުގަލްގެ ޑިފެންޑަރ ޕެޕޭއަށް ލިބިފައެވެ. އެ ޓީމްގެ ރަފައެލް ލެއާއޯ ނެގި ހުރަހެއް ޕެޕޭ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ސެމީ ފައިނަލްގައި މޮރޮކޯ ބައްދަލު ކުރަން ޖެހޭނީ، ކުއާޓާގައި މިރޭ އިންގްލެންޑާއި ޗެމްޕިއަން ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.