ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާއެކު އެމީހެއްގެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑީ ކާޑާއި ލައިސަންސް ކާޑުފަދަ މައުލޫމާތުތައް އެޕްލިކޭޝަނުގައި ހިމަނާނީ، އެކަމުގެ ޒިންމާވާ މުއައްސަސާތަކުން ކަމަށެވެ. އަދި މިއިން އެއްވެސް މައުލޫމާތަކަށް އަމިއްލައަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށް ވެސް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މިވަގުތު ކާޑު ހަދަނީ ދިވެހި ބަހާއި އިނގިރޭސި ބަހުން ކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެ ކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެ ކަމަށެވެ. އެއީ ރާއްޖޭގައި އެކި ކަންކަމުގައި އެހެނިހެން ގައުމުތަކުގެ މީހުން ވެސް އުޅޭތީ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް މުއައްސަސާ، އަނެއް މުއައްސަސާގައި ބަދަލުކުރާ މައުލޫމާތު ހުންނާނީ އިދާރާއިން ބޭނުންވާ ބަހަކުން ކަމަށާއި އަމާޒު ހިފާފައި ހުރީ މިއަހަރު ނިމުމުގެ ކުރިން މިކާޑު ތައާފްކުރުމަށް ކަމަށެވެ.
ޑިޖިޓަލް ކަރޑް ތައާރަފްކުރި ނަމަވެސް، މިހާރުވެސް ބޭނުންކުރަމުން އަންނަ ފިޒިކަލް ކަރޑް ބޭނުންކުރެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!