ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، ތައިލެންޑުގެ އިންސްޓިޓިއުޓްގައި ހިލޭ ތަމްރީން ކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.
މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެގައުމަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތައިލެންޑްގެ ޑިޕާރޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން ލިބުނު ފުރުސަތެކެވެ.
މި ފުރުސަތުގެ ދަށުން އަންނަ ޖަނަވަރީ މަހު ފެށޭ 'މެންޓަލް ހެލްތް ކެއަރ އިން ޗިލްރެން އެންޑް އެޑޮލެސެންޓްސް' ޓްރެއިނިންގ ކޯހުގައި ތިން ދިވެހިން ބައިވެރި ކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.
ރާޖްނަކުލް އިންސްޓިޓިއުޓަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޤަދަރުވެރި ދިރިއުޅުމެއް އުޅުމަށް އެކި ހުނަރުތައް ދަސްކޮށްދީ ހިދުމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ.
މި ރޮނގުން ދިރާސާތައްކޮށް މި މަސައްކަތް ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ރާޖްނަކުލް އިންސްޓިޓިއުޓް ގައި އަންނަނީ ހިންގަމުން ނެވެ.
ފަޒުނާގެ މި ދަތުރުފުޅަކީ ތައިލެންޑްގައި ކުރިއަށްދާ ތައި ސިލްކް ފެޝަން ވީކްގެ އޯގަނައިޒިން ކޮމިޓީން އެރުވި ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!