ހުރިހާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފި އެވެ.
އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި މެދުރައްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެކަމަށް ލަފާކުރައްވާފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރައްވާފަ އެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެޓް އޮފީހުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިހާރުވަނީ ހުދު ސަމާލު ވެސް ނެރެފަ އެވެ. މިއަދު މެންދުރު 14:30 އަށް ނެރެފައިވާ ސަމާލުގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!