ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ސްޕޭނާއި މޮރޮކޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ ޖާގަ ހޯދައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން މޮރޮކޯ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މިރޭ ގަތަރުގެ އެޑިއުކޭޝަން ސްޓޭޑިއަމްގައި ކުޅުނު މެޗު ފުރިހަމަ ވަގުތުހަމަވެ، އިތުރުވަގުތުގެ ދެހާފް ކުޅުނު އިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މޮރޮކޯއިން ސްޕޭންގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ.
ގޭމް ޑޮމިނޭޓް ކޮށްގެން ކުޅުމުގައި ސްޕެއިންއަކީ އެންމެ މޮޅު ޓީމެވެ. އެގޮތުން ސްޕެއިނުންވަނީ މު ޅި މެޗުހެން ބޯޅަ ހިފަހައްޓައި ގޭމް ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ދެ ޓީމަށް ވެސް ވަނީ ލިބިގެން ގޮސްފައެވެ.
ފުރަތަމަ ހާފުގައި ސްޕެއިންގެ އެސެންސިއޯ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވީއިރު، އޭގެ އިރުކޮޅެށް ފަހުން މޮރޮކޯގެ މަޒްރޫއީ ފޮނުވާލި ބާރު ހަމަލާ ސްޕެއިންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ސްޕެއިންގެ ފަރާތުން ފެނުނީ ފުރަތަމަ ހާފަށްވުރެ ބޮޑަށް ގޭމް ޑޮމިނޭޓް ކުރިތަނެވެ. ގޭމް ޑޮމިނޭޓް ކުރިނަމަވެސް ލަނޑުޖަހާނެ ފުރުޞަތު ހޯދުމުގައި އެ ޓީމަށް ވަނީ އުނދަގުލާއި ކުރިމަތިވެފައެވެ. ސަބަބަކީ މޮރޮކޯގެ ހުރިހާ ކުޅުންތެރިންހެން ފަހަތަށް ފައިބައި ރަނގަޅު ޑިފެންސެއްކުރަމުން ދިއުމެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރު ވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު ވަގުތު ސްޕެއިންގެ ސަރާބިއާއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި، ފުރަތަމަ ޕެނަލްޓީ ފޮނުވާލީ މޮރޮކޯއިންނެވެ. މޮރޮކޯގެ ސަބީރީ ވަނީ މި ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ސްޕެއިންގެ ފުރަތަމަ ޕެނަލްޓީ ސަރާބިއާ ފޮނުވާލިއިރު އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މޮރޮކޯގެ ދެވަނަ ޕެނަލްޓީ ޒިޔެޗް ކާމިޔާބު ކޮށްދިންއިރު، ސްޕެއިންގެ ދެވަނަ ޕެނަލްޓީ މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ. މި ޕެނަލްޓީ ފޮނުވާލީ ކާލޮސް ސޮލެއާއެވެ. އެއަށްފަހު މޮރޮކޯގެ ބެނޫން ފޮނުވާލި ޕެނަލްޓީ ސްޕެއިންގެ ކީޕަރު ސިމޮން މަތަކުރިއެވެ. ސްޕެއިންގެ ތިންވަނަ ޕެނަލްޓީ ފޮނުވާލާފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު މިޑްފީލްޑަރ ބަސްކުއެޓްއެވެ. އެ ޕެނަލްޓީ ވެސް ބޯނޯ ވަނީ މަތަކޮށްފައެވެ. މޮރޮކޯ މޮޅުވި ޕެނަލްޓީ ވައްދާލާފައި ވަނީ އެ ޓީމްގެ އަޝްރަފް ހަކީމީއެވެ.
ކުއާޓާ ފައިނަލްގައި މޮރޮކޯ ބައްދަލުކުރަންޖެހޭނީ މިރޭ ޕޯޗުގަލް އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!