ކަނޑުމަހުން ތަކެތި އުފައްދައިގެން ވިޔަފާރިކުރަން ބޭނުންވާ އަންހެނުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ރާއްޖޭގެ ގޮފި (އައިޕީއެންއެލްއެފް - މޯލްޑިވްސް) އިން ފަށައިފި އެވެ.
ރާއްޖޭގައި އަންހެނުން އުފައްދާ މަހުގެ ބާވަތްތަކަށް އެކަށިީގެންވާ އަގެއް ނުލިބުމުގެ މައްސަލަ، އެފަރާތުން ކުރި ދިރާސާއަކުން ހާމަވެފައިވާ ކަމަށް އައިޕީއެންއެލްއެފް އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ވިދާޅުވެފަ އެވެ.
2018 ވަނަ އަހަރު ކުރި މި ދިރާސާ އިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ރަށްރަށުގައި ތިބެގެން އުފައްދާތަކެތި މާލެ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވުން ހިމެނޭ ކަމަށް ފާހަގަކުރައްވާފައި ވެއެވެ. އަދި މާލެދަތުރުކުރާ ބޯޓުތައް މެދުވެރިކޮށް ފޮނުވާ ތަކެއްޗަށް ވާނުވާ ނޭނގުމާއި އެތަކެތިން ލިބުނު އަސްލު އަގު ނޭނގުމުގެ މައްސަލައަކީ މިތަކެތި އުފައްދާ އަންހެނުންގެ ފަރާތުން ފާހަގަކޮށްފައިވާ މައްސަލައެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މިފަދަ މައްސަލަތަކާހުރެ މަސްކައްކާ ހިއްކަމުން އަދި މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދަމުންދިޔަ ގިނަ އަންހެނުންނަށް އެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އާމްދަނީ ހޯދުމަށް މަދު ފުރުސަތުތަކެއް ރާއްޖޭގައި އޮންނައިރު، މިފަދަ މައްސަލަތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ނުހަނު ދަތިތައް ކުރިމަތިވާ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.
"އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިގްތިސާދީ ނަފާ އިތުރުކުރުމުގެ މަޝްރޫއު" ކުރިއަށް ގެންދަނީ ޔޫއެންޑީޕީގެ އޯޝަން އިނޮވޭޝަން ޗެލެންޖުގެ އެހީގަ އެވެ. ދެ އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫއު މިއަހަރުގެ ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހު އިފްތިތާހުކޮށްފައިވަނީ ގއ. ގެމަނަފުށީގަ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފަ އެވެ.
މި މަޝްރޫއުގެ މަގުސަދަކީ މަހާއި މަހުގެ ބާވަތްތަކުން އުފައްދާ ތަކެއްޗަށް އެކަށޭނަ އަގެއް ހޯދައިދިނުމަށް "ފިން-ޓެކް" ޓެކްނޮލޮޖީ ބޭނުންކޮށްގެން "ޕްލެޓްފޯމެއް" ނުވަތަ "އެޕްލިކޭޝަނެއް" ގާއިމުކޮށް، ވީހާވެސް ރަނގަޅު އަގެއްގައި އެތަކެތި ވިއްކޭނެ ނިޒާމެއް ގާއިމުކޮށްދިނުމެވެ. އަދި މަސްވެރިންގެ އުފެއްދުންތަކުން ލިބޭ ނަފާ އިތުރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!