އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ބޭންކް) އިން ލޯނު އެޕްލިކޭޝަން ބަލައިގަތުން ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.
މިއީ އަހަރު ނިމުމާ ގުޅިގެން އަހަރީ ހިސާބުތައް ނިންމުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެ ކުންފުނިން ކުރަމުން އަންނަ ކަމެކެވެ
ލޯނަށް އެދި ފޯމު ހުށަހެޅުން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް ދަނޑުވެރިންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނު ކަމަށްވާ ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅުގެ ލޯނަށް އެދި އަދިވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނާނެއެވެ. އަދި މަސްދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ވެސް މި މުއްދަތުގެ ތެރޭގައި ލިބޭނެއެވެ.
ލޯނު އެޕްލިކޭޝަންތައް ބަލައިގަތުން މެދުކަނޑާލާފައިވަނީ 1 ޑިސެމްބަރު 2022 އިން ފެށިގެން 31 ޖެނުއަރީ 2023 އާ ހަމައަށެވެ. މި މުއްދަތުގައި އިތުރު ލޯނުތަކުގެ އެޕްލިކޭޝަން ބަލައި ނުގަތްނަމަވެސް މިހާރު ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޕްރޮސެސްކުރަމުންދާނެ ކަމަށް އެސްއެމްއީ ބޭންކުން ބުނެއެވެ. މި ފޯމުތަކުގެ ޕްރޮސެސް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
އެސްއެމްއީ ބޭންކުން އަންނަނީ ހަތް ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާ ވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!