އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 5.4 އިންސައްތައަށް އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭ ގެ ކްއާޓަރލީ އިކޮނޮމިކް ބުލެޓިން ގައި ވާގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 7.6 އިންސައްތައިގަ އެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 18 އިންސައްތައަށް އިތުރުވާނެ ކަމަށް ވެސް އެ އިދާރާ އިން ވަނީ ލަފާ ކުރައްވާފަ އެވެ.

Ad
rt

އެއީ މިދިޔަ އަހަރަށްވުރެ 10 އިންސައްތައިގެ އިތުރުވުމަކަށްވާއިރު، ކަރަންޓް އެކައުންޓް ޑެފިސިޓުން ދައްކުވައިދެނީ ރާއްޖެއަށް އިމްޕޯޓް ކުރާ މިންވަރާއި އެކްސްޕޯޓް ކުރާ މިންވަރެވެ.

މީގެ އިތުރުން މިއަހަރު ނިމޭއިރު ރާއްޖެއަށް 3.2 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރައްވާއިރު، އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 5.4 އިންސައްތައަށް އިތުރުވާނެ ކަމަށް ވެސް އަންދާޒާ ކުރައްވަ އެވެ.

އެމްއެމްއޭ އިން ވިދާޅުވީ މީގެ މައިގަނޑު ސަބަބަކީ ޓެކްސް ބޮޑުކުރުން ކަމަށާއި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް އުފުލި އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.

މި އަހަރުގެ ތިންވަނަ ކްއާޓަރުގައި ބޭންކުތަކަށް ރައްކާ ކުރެވޭ ބޭރު ފައިސާގެ އަދަދު ވަނީ 10 ޕަސެންޓަށް ދަށްވެފަ އެވެ. ބޭންކްތަކުގައި މިއަހަރުގެ ތިންވަނަ ކްއާޓަރުގައި ޑިޕޮސިޓްކުރި އަދަދު 52.2 ބިލިއަން ރުފިޔާއަށް އަރައެވެ.

ބޭންކްތަކަށް ރައްކާކުރަން ލާ ފައިސާގެ ތެރެއިން 76 ޕަސެންޓު މަދުވެފައިވަނީ ބޭރު ފައިސާއިން ނެވެ.

ބޭރުފައިސާގެ އަދަދު މަދުވެފައިވަނީ އިމްޕޯޓްކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުންކަމަށް ވެސް ވިދާޅުވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ބޭންކްތަކުން ލޯން ދޫކުރި މިންވަރު އިތުރުވެ، ތިންވަނަ ކުއާޓަރުގައި 32.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ވެއެވެ. މިއީ ދެ ޕަސެންޓްގެ އިތުރުވުމެކެވެ.

އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު 28.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިމުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ މަސައްކަތްތަކަށާއި އަމިއްލަ ބޭންކްތަކާއި ވިޔަފާރިތަކަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު 38 ޕަސެންޓަށް އަރަ އެވެ. އަދި އަމިއްލަ ފަރާތްތަކަށް ކްރެޑިޓް ކާޑް މެދުވެރިކޮށްގެން ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ 27 ޕަސެންޓަށް އިތުރުވެފަ އެވެ.