ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބ. މާޅޮހުގައި ފެން ބޮޑުވެއްޖެ އެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްްވަމުން އެރަށު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ މާބޮޑު ގެއްލުންތަކެއް ލިބިފައިވާކަން އަދިފާހަގަ ނުކެރެވޭ ކަމަށާއި އެހެންނަމަވެސް ބައެއް ގޭގެއަށް ފެން ވަނުމުގެ ސަބަބުން ޑީފްރީޒަރ ފަދަ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަމަށެވެ.

Ad
rt

މީގެ އިތުރުން އޭނާ ވިދާޅުވީ މާދަމާ، ގޭގެއަށް ޒިޔާރަތްކޮށް ލިބުނު ގެއްލުމުގެ ތަފްސީލުތައް ނަގާނެ ކަމަށެވެ.

"މިހާރު މިއުޅެނީ ފެން ހިންދުމުގެ މަސައްކަތުގަ. ބައެއް ގޭގެއަށް ފެންވަދެފަ ވަނީ. އެހެންވެ، ޑިފްރީޒަރ ކަހަލަ އެއްޗިއްސަށް ގެއްލުން ލިބިފަވޭ. ކައުންސިލުގެ ފަރާތުން މާދަމާ ޒިޔާރަތްކުރާނެ ގޭގެއަށް. ލިބުނު ގެއްލުންތައް ބަލަން." ސުޖާއު ވިދާޅުވި އެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން އެރަށުގައި ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެރަށުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކާއި ކުރިމަތިވެ، ސިފައިންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ.

މީގެ އިތުރުން ސިފައިންގެ އެހީއަށް އެދުނީ އިރުއޮއްސި 6:50 ހާއިރު ކަމަށާއި އެ ވަގުތުން ފެށިގެން ފެން ބޮޑުވެފައިވާ ސަރަޙައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުންދާކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައި ވެއެވެ. އަދި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެ އެވެ.

ހަމަމިއާއެކު ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.