ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ދަނޑުވެރިންނަށް ހައްދުފަހަނައެޅި ޔަހޫދީން ދުއްތުރާކޮށް ވައްކަން ކުރާމިންވަރު އިތުރު ވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އެގޮތުން ފަލަސްތީނުގެ ދަނޑުވެރިން މާމުއި އުފެއްދުމަށާއި އޮލިވް އެއްކުރުމަށް ގެންގުޅޭ އާލާތްތަކެއް އިސްރާއީލް ބަޔަކު ވަނީ ވަގަށް ނަގައިފަ އެވެ.
މިހާދިސާ ހިނގީ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ނަބްލުސްގެ ދެއާ ޝަރަފްގައި އެވެ. އިސްރާއީލުން ވެރިވެގަނެފައިވާ އެ ބިމުގައި ފަލަސްތީން ރައްޔިތުންނަށް ވަކި އުސޫލުތަކެއްގެ ތެރެއިން ދަނޑުބިންތައް ދޫކޮށްފައިވެ އެވެ.
ފަލަސްތީނު ސަރުކާރު އޮފިޝަލަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އުސޫލުގެ ތެރެއިން ބަލާއިރު އެއީ އެ ގައުމުގެ ރައްޔިތަކަށް ގަވައިދުގެ ތެރެއިން ދޫކޮށްފައިވާ ދަނޑުބިމެކެވެ. އެ ބިމުގައި އޭނާ ދިޔައީ އޮލިވް ގަސް ހައްދައި، މާމުއި އުފައްދަމުންނެވެ.
މާމުއި އުފެއްދުމަށް ގިނަ އަދަދެއްގެ ކުޅަނދުރު ރައްކާކުރާ ފޮށިތައް އެ ދަނޑުގައި ހުރެ އެވެ. އޮފިޝަލް ވިދާޅުވީ އިސްރާއީލްގެ ގްރޫޕަކުން ދަނޑުތެރެއަށް ވަގަށް ވަދެ، 30 ކުޅަނދުރު ރައްކާކުރާ ފޮށި ވަގަށް ގެންގޮސްފައިވާކަމަށެވެ.
އޮފިޝަލް ވިދާޅުވީ އޮލިވް އެއްކުރާ އާލާތްތައް ވަގަށް ގެންގޮސްފައިވާއިރު ކުރިޔަށް އޮތީ އޮލިވް ސީޒަންކަމަށެވެ. އެ ސީޒަނަކީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް މުސްލިމުންގެ އާމްދަނީ އިތުރުވާ މަހެއް ކަމަށް ވިދާޅުވި އެވެ.
މި ހާދިސާ ހިނގާފައި މިވަނީ މި ފަހުން މިފަދަ ވައްކަންތައް އިސްރާއީލްގެ ގްރޫޕުތަކުން އިތުރުވެފައި ވަނިކޮށެވެ. އެގޮތުން ފަލަސްތީން ރައްޔިތުންގެ ގެދޮރާއި އެއްގަމު އުޅަނދު ފަހަރުގެ އިތުރުން ދަނޑުވެރިންނަށް ދަނީ ބޮޑެތި ގެއްލުންތައް ދެމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!