ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ޕޯޗުގަލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ކޮރެއާ ޖާގަ ހޯދައިފިއެވެ.

މިރޭގެ މެޗަށް ޕޯޗުގަލް ނުކުތްއިރު، ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗުން ހޯދި ހަ ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޕޯޗުގަލް އޮތީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ވުމާއެކު އެ ޓީމުން މިރޭގެ މެޗަށް ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. ފުރަތަމަ އެގާރާގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުނު ނަމަވެސް ބާނާޑޯ ސިލްވާ، ބްރޫނޯ ފެނާންޑޭޒް، ވިލިއަމް ކަވާލިއޯ ފަދަ ކުޅުންތެރިން ނެތެވެ.

Ad
rt

މިރޭ ކޮރެއާއިން ޕޯޗުގަލް މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ގާނާއާއި އުރުގުއޭ ބައްދަލުކުރި އިރު އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އުރުގުއޭއެވެ.

މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނާގައި 6 ޕޮއިންޓާއިއެކު ޕޯޗުގަލް އޮތްއިރު ދެވަނާގައި ތިން މެޗުން ލިބުނު 4 ޕޮއިންޓާއިއެކު އޮތީ ކޮރެއާއެވެ. މި އަދަދަށް ޕޮއިންޓް ހޯދައިގެން އުރުގުއޭ ތިންވަނާގައި އޮތްއިރު، ކޮރެއާ އަނެއް ބުރަށް ދިޔައީ އުރުގުއޭއާއި ފައިދާ ގޯލް އެއްވަރުވެ ޖެހި ގޯލުން ކުރި ލިބިގެންވެ. މި ގްރޫޕްގެ ފުލަށް ދިޔައީ ގާނާއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ފަސް މިނެޓް ތެރޭ ޕޯޗުގަލް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޑިއެގޯ ޑަލޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރިކާޑޯ ހޯޓާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮރެއާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކިމް ޔޮންގ ވޮންއެވެ. ކޮރެއާއިން އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ އުފެއްދި ކައުންޓަ އެޓޭކެއްގައި ސޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ވަންގ ހީ ޗަންއެވެ.

އުރުގުއޭ ގާނާ ބައްދަލު ކުރި މެޗުގައި އުރުގުއޭއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މިގޮތުން އުރުގުއޭއަށް މި ދެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ޖިއޮޖިއާން ޑި އަރަސްކައޭޓާއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލް ވާދަ ކުރަން ޖެހޭނީ ބްރެޒިލް ހިމެނޭ ގްރޫޕް ޖީން ދެވަނަ ހޯދާ ޓީމަކާއެވެ. ކޮރެއާ ވާދަކުރަން ޖެހޭނީ އެ ގްރޫޕުން އެއްވަނަ ހޯދާ ޓީމަކާއެވެ.

ގްރޫޕް ޖީގެ ފަހު މެޗުތަކުގައި މިރޭ 00:00 ގައި ބްރެޒިލް ނުކުންނާނީ ކެމަރޫންއާއި ދެކޮޅަށެވެ. ސްވިޒަލޭންޑް ނުކުންނާނީ ސާބިއާއާއި ދެކޮޅަށެވެ.