ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީވުމަށ، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ފަންޑް ރެއިޒިންގ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
ބީސީއެމް އިން ވިދާޅުވީ މިއީ އެ ގައުމުގެ ސަގާފަތް ދައްކުވައިދޭ އިވެންޓެއް ކަމަށާއި މި އިވެންޓު އޮންނާނީ މި ޑިސެމްބަރ މަހުގެ 5 ވާ ހޯމަ ދުވަހުގެ ރޭ 08:45 ގައި ކަމަށެވެ.
މެންހެޓަން ބިޒްނަސް ހޮޓެލްގައި ބާއްވާ "ޕާކިސްތާނީ ކަލްޗަރަލް ނައިޓް" ގައި އިންޑިއަން ސަބްކޮންޓިނެންޓްގެ ރަހަތައް ހިމެނޭ ޑިނާރއެއްގެ އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ ތަކެތި ހިމެނޭ މޭޒެއް ވެސް ބެހެއްޓުމަށް ވަނީ ނިންމާފައި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުުން އުރުދޫ މިއުޒިކާއި ލަވަތައް ހުށަހަޅައިދިނުމާއި ޕާކިސްތާނުގެ ސަގާފީ އެކި ކަހަލަ ހެދުންތައް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕާކިސްތާނީ ކަލްޗަރަލް ނައިޓްގެ ޓިކެޓެއް 350 ރުފިޔާއަށް ވިއްކާއިރު، ޓިކެޓު ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ވެސް ބީސީއެމް އިން ވިދާޅުވި އެވެ.
މި އިވެންޓުގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން 7942802 އަށް ގުޅުއްވުމަށް އެ ފަރާތުން އެދިވަޑައިގަންނަވަ އެވެ.
ބީސީއެމް އިން ވިދާޅުވީ މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީއާއި ޕާކިސްތާން ހައިކޮމިޝަންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބީސީއެމް އަކީ 26 ޑިސެންބަރު 2021 ގައި ޕާކިސްތާނުގެ ކުރީގެ ސަފީރު ހިޒް އެކްސެލެންސީ އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު އިފުތިތާހު ކޮށްދެއްވި ޖަމުޢިއްޔާ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!