ފީވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި އާޖެންޓީނާއާއި ޕޮލެންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

މި ގްރޫޕްގެ ފަހު މެޗުތަކާއި ކުރިމަތިލީއިރު، މި ގްރޫޕްގައި ހިމެނޭ އާޖެންޓީނާއާއި ޕޮލެންޑް، މެކްސިކޯގެ އިތުރުން ސައުދީ އަރައްބިއްޔާއަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އޮތެވެ.

Ad
rt

ރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗުގައި އާޖެންޓީނާއިން ޕޮލެންޑްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ޕޮލެންޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ލީޑު ނަގާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ކެޕްޓަން ލައިނަލް މެސީއަށެވެ. ޕޮލެންޑްގެ އޭރިއާ ތެރެއިން ކީޕަރު މެސީއަށް ކުރި ފައުލަކާއި ގުޅިގެން ވީއޭއާރުން ބެލުމަށް ފަހު ދިން ޕެނަލްޓީ މެސީ ފޮނުވާލިއިރު، އެ ޕެނަލްޓީ ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ. މިއީ މި މުބާރާތުގައި ޝެޒްނީ މަތަކުރި ދެވަނަ ޕެނަލްޓީއެވެ. ޕޮލެންޑާއި ސައުދީ ކުޅުނު މެޗުގައި ސައުދީއަށް ލިބުނު ޕެނަލްޓީ ވެސް އޭނާ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފެށިތާ ދެ މިނެޓް ތެރޭ އާޖެންޓީނާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މޮލީނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެކް އެލިސްޓާއެވެ.

އާޖެންޓީނާއިން ލީޑު ފުޅާކޮށްފައި ވަނީ މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމްގެ ޒުވާން ފޯވާޑް އަލްވަރޭޒް ކާމިޔާބުކުރި ލަނަޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ އެންޒޯ ހެނާންޑޭޒްގެ އެހީތެރިކަމާއި އެކުގައެވެ.

މި ގްރޫޕްގައި މެކްސިކޯއާއި ސައުދީ އަރަބިއްޔާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މެކްސިކޯއެވެ.

މި މެޗުން މޮޅުވެގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ސައުދީއަށް އޮތެވެ. ނަމަވެސް މި މެޗުން ބަލިވުމުން އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.

މި ގްރޫޕްގެ އެއްވަނަ އާޖެންޓީނާއަށް ލިބެނީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކުގައެވެ. ދެވަނަ ޕޮލެންޑަށް ލިބެނީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުގައެވެ. މެކްސިކޯއަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމް ކަޓައިގެން ދިޔައީ ގޯލުގެ ތަފާތުންނެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާ ބައްދަލު ކުރަން ޖެހޭނީ ގްރޫޕް ޑީގެ ދެވަނަ ހޯދި އޮސްޓްރޭލިޔާއާއެވެ. އެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 0000 ގައެވެ. ޕޮލެންޑް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ގްރޫޕް ޑީގެ އެއްވަނަ ހޯދި ފްރާންސާއެވެ. މި މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 2000 ގައެވެ.