ވ. އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި، ހުކުމް ކުރުމާއި ހަމައަށް ހިނގައްޖެ އެވެ.

އެ މައްސަލައިގާ ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ ޝަރީއަތުގެ އަޑުއެހުން އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އިއްޔެ ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމަޔަށް ކުރިއަށް ގެންދިޔަ މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި، ދިފާއުން ވެސް ވަނީ ހުލާސާ ބަޔާން ހުށަހަޅާފަ އެވެ.

Ad
rt

ރައީސް ޔާމީނާއި ދެކޮޅަށް، މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާ، ދައުލަތުން އުފުލާފައިވަނީ އެރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގަ އެވެ.

އެ ދައުވާގައި ދައުލަތުން ވިދާޅުވެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވި ކަމަށެވެ. އަދި ނައީމްގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

އިއްޔެ އިއްވި ހުލާސާ ބަޔާނުގައި ދައުލަތުގެ ފަރާތުން ވަނީ މިމައްސަލާގައި ދައުލަތުން ހުށަހެޅި ކަންކަމާއި، ލިބިފައިވާ ހެކިތަކަށް ރިޔާޔަތްކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކާއި ގުޅިގެން ދައުލަތުން ވިދާޅުވީ އެހެކިތަކަކީ ދައުވާއިން ސަލާމަތްވާން ހުށަހަޅާފައިވާ އެއްވެސް ހަގީގަތެއް ނެތް، އުފައްދާފައިވާ ހެކިތަކެއް ކަމަށެވެ.

އާރަށް ވަކި މީހަކަށް ކުއްޔަށްދޭން ކުރި ކަމެއް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާކަމަށް ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޔާމީނަކީ ސިޔާސީ ބޭފުޅަކަށްވުމުން ސިޔާސީ ގޮތުން ލިބޭ ފައިސާއަކީ އޭގެ ތަފްސީލް ދޭންޖެހޭ އަދި ހާމަކުރަންޖެހޭ ފައިސާތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވުމަށްފަހު މައްސަލަ ބައްލަވާ ޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިއީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ކަމަށާއި ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވުނު ޝަރީއަތުގެ އަޑުއެހުންތަކުގައި 60 ގަޑިއިރުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ދެން އޮންނާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ކަމަށާއި ގާނޫނުގައި ކަނޑައަޅާފައިވާ އެއްމަސް ދުވަހުގެ ތެރޭގައި އެ މަޖިލިސް ބާއްވާނެކަމަށް ވެސް ވިދާޅުވި އެވެ.