ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށާއި، ތައުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.

ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެވެ. ތައުޒިޔާގެ ދަފްތަރު ހުޅުއްވާނީ، ދިވެހިރާއްޖޭގެ އަޑުގަ އެވެ. އެއީ، ދިވެހިރާއްޖޭގެ އަޑަކީ، އަލްމަރްޙޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީ އެވެ.

Ad
rt

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަޑުގައި ޢަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި ޢާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި އިބްރާހީމް މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޯރުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ވެސް ހޯއްދަވާފައިވާ ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައިވާ އިބްރާހިމް މަނިކުގެ ހިދުމަތްތަކުގެ އަގުވަޒަންކުރައްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ހަފްލާގައި ވަނީ ބްރޯޑްކާސްޓިންގ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.