ފަންނުވެރިންނަށް ޕްލެޓްފޯމުތައް ހޯދައި ދިނުމަަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔުމްނާ މިހެން ވިދާޅުވެފައިވަނީ ފާއިތުވެދިޔަ 4 އަހަރު އެ ދާއިރާއިން ކުރެވުނު އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ ފަންނީ ދާއިރާގައި ވެސް ފުރަތަމަ ގާނޫނީ ބާރުވެރިކަން ހޯދުމުުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފަންނާނުންގެ ދަފްތަރެއް މިހާރު އެކުލަވާލެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ފަންނާނުންގެ އާޓިސްޓުންގެ ޑައިރެކްޓްރީއެއްގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާކަމަށެވެ.
އެގޮތުން އޮލިމްޕަހާއި ނެޝަނަލް އާޓް ގެލަރީ އަޕްގެރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
"2019 ވަނަ އަހަރު ފެށިގެން އައި އިރު ވަރަށް ގިނަ ހަރަކާތްތަކެއް ބޭއްވުނު. ނެޝަނަލް އާޓް ގެލަރީގަވެސް މައުރަޒުތައް ބޭއްވިގެން ދިޔަ. ފަންނާނުންގެ މިއުޒިކީ އީދު ބޭއްވުނު. ފިލްމު އެވޯޑްސް ބޭއްވުނު. ނަމަވެސް ކޮވިޑާ ގުޅިގެން އަޅުގަނޑުމެންނަށް ވަރަށްބޮޑުތަން ފަހަތަަށް ޖެެހެން ޖެހުނު."
މިނިސްޓަރ ޔުމްނާ ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އެ މަޑުޖެހުމަށްފަހު، އަނެއްކާ ވެސް ހަރަކާތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެގޮތުން މި ފެށޭ ޑިސެމްބަރު މަހު، އޮލިމްޕަސް ހުޅުވުމަށް އަމާޒު ހިފާފައިވާކަން ތަކުރާރު ކުރައްވާފަ އެވެ. އަދި އެތަން ހުޅުވޭއިރު، ވަރަށް ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުންނާނެކަން ވެސް ފާހަގަ ކުރެއްވި އެވެ.
އެގޮތުން ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާއި ސަރައުންޑް ސައުންޑު ވެސް އެންމެ ޒަމާނީ ފެންވަރަށް ހުންނާނެ ކަމަށާއި މިހާރުހުރި ކަންތަކުގެ އިތުރުން ތަފާތުތަކެއް ފެންނާނެ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ. އަދި ކެފޭ އޭރިއާ އަކާއި އެކިކަހަލަ ޝޯ ތަކަށް ބޭނުންކުރެވޭނެ ބެކްޔާޑެއް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވީ ދިމާވި ގޮންޖެހުންތަކާ އެކުވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!