އިކުއެޓޯރިއަލް ގިނީގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މިހާރުގެ ރައީސް ޓިއޮޑޯރޯ އޮބިއަންގް ނުއެމާ މަބަސޯގޯ ހަވަނަ ދައުރެއް ކަށަވަރުކޮށްފި އެވެ.

އެގައުމުގެ އިލެކްޝަންސް ކޮމިޝަނާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންތިހާބު މަބަސޯގޯ ކާމިޔާބު ކުރެއްވީ އިދިކޮޅު ދެ ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. އެ އިންތިހާބުގައި 94.9 ޕަސެންޓު ވޯޓު މަބަސޯގޯއަށް ލިބިފައިވެ އެވެ.

Ad
rt

އޭނާ އާއި ވާދަކުރެއްވި އިދިކޮޅު އެއް ކެންޑިޑޭޓު އެންޑްރެސް އޮސޯނޯއަށް ލިބިފައިވަނީ 9،700 ވޯޓެވެ. އަނެއް ކެންޑިޑޭޓު ބުއެނަވެންޗުރާ މޮންސޭއީއަށް ލިބިފައިވަނީ 2،900 ވޯޓެވެ.

އިންތިހާބުގައި 413،000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް ލަފާކުރެ އެވެ. މި ނަތީޖާގެ އިތުރުން މަބަސޯގޯގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއަށް ވަނީ ގާނޫނު ހަދާ މަހިލީހުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުވެފައި އެވެ.

އިކުއެޓޯރިއަލް ގިނީގެ ތާރީހަށް ބަލާއިރު ސްޕެއިން އަތުން 1968 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެ ގައުމުގައި ވެރިކަން ކޮށްފައިވަނީ އެންމެ ދެ ބޭފުޅުންނެވެ. މިހާރުގެ ރައީސް މަބަސޯގޯ، 1979 ވަނަ އަހަރު ބަޣާވާތްކޮށްގެން ވެރިކަމަށް އެރީ ބޮޑުބޭބެގެ ވެރިކަން ވައްޓާލުމަށް ފަހު އެވެ.

15 މިލިއަން މީހުންގެ އާބާދީއެއް އޮތް އެ ގައުމުގެ ރައީސްކަން 43 އަހަރު ކުރުމާއި އެކު މަބަސޯގޯ ވެފައިވަނީ އެންމެ ގިނަ ދުވަހު ރައީސްކަން ކުރި މީހާއަށެވެ. އުމުރުން 80 އަހަރުގެ މަބަސޯގޯ މިހާތަނަށް އެ ގައުމުގައި ބޭއްވި ހުރިހާ އިންތިހާބެއްވެސް ކާމިޔާބު ކުރި ކަމަށް ބުނަނީ 93 ޕަސެންޓަށްވުރެ އިތުރު ވޯޓާއި އެކު އެވެ.

އާ ދައުރަނަށް އޭނާ އިންތިހާބުވިއިރު އެ ގައުމުގައި މަބަސޯގޯގެ ސަރުކާރާއި ދެކޮޅަށް އަބަދުވެސް އިހުތިޖާޖުކޮށް ހަދަ އެވެ. 2018 ވަނަ އަހަރުވެސް ބަޣާވާތަކުން އޭނާގެ ވެރިކަން ވައްޓާލަން ވެސް މަސައްކަތް ކޮށްފައިވެ އެވެ.