މީހަކާ ދިމާލަކަށް، އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނި މީހެއްގެ ގައިގައި ގަޒްފުގެ ހައްދު ޖަހަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ގދ. ތިނަދޫ ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އެހެން ފިރިހެނަކާ ދިމާލަށް އޭނާ ބުނި އެއްޗަކާ ގުޅިގެންނެވެ. އޭނާ ފިރިހެން މީހާއާ ދިމާލަށް ބުނީ އަންހެނުންގެ ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން ކަމަށާއި އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށެވެ.

Ad
rt

ދަށު ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އެއީ އަންހެން މީހާއަށް ޒިނޭގެ ތުހުމަތު ކުރުން ކަމަށްވާތީ ގަޒްފުގެ ކުށް ސާބިތުވާ ކަމަށް ނިންމައި، އެ މީހާގެ ގައިގައި 80 އެތިފަހަރުން ހައްދު ޖެހުމަށެވެ.

އެ މީހާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ ބުނި އިބާރާތަކީ ޒިނޭގެ ތުހުމަތު ކުރުން ނޫން ކަމަށެވެ. އަދި ދަރިފުޅުގެ ނަސަބު ނަފީކޮށް ވާހަކަ ދެއްކުމަކީ ޒިނޭގެ ތުހުމަތު އެޅުވުން ނޫން ކަމަށާއި އަދި މިޒަމާނުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ވެސް އަންހެނުން ބަލިވެ ތިބޭ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަންހެން މީހާ ޒިނޭ ކުރިކަމަށް ސާފު އިބާރާތުން ނުބުންޏަސް، ނުސީދާކޮށް ބުނާ އިބާރާތަކުން ވެސް ގަޒްފު ކުރީ ކަމަށް ބެލެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގެ އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން ނުސީދާކޮށް އަދި ވައްބަހުން ބުންޏަސް، އާންމު އިންސާނެއްގެ ވިސްނުމުން ބަލާއިރު އެއީ ޒިނޭގެ ތުހުމަތު އެޅުވުންނަމަ، ގަޒްފުގެ ހައްދު ޖެހޭނެ ކަމަށެވެ. އަދި އެ މީހާ ބުނި އިބާރާތަށް ބަލާއިރު އެއީ ގަޒްފު ކުރުން ކަމަށް ހުކުމުގައިވެ އެވެ.