ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކުނި މެނޭޖުކުރުމާ ބެހޭ ބިލަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރުން މުހައްމަދު ރަޝީދު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައިވަނީ 52 މެމްބަރުންގެ ވޯޓުން ނެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ފިހާރަތަކުން ގަންނަ ތަކެތި އަޅަން ޕްލާސްޓިކް ކޮތަޅު ދޭންވާނީ ދެ ރުފިޔާގެ ފީއަކާއި އެކުގައި ކަމަށާއި ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި އަގު ހިމަނަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Ad
rt

މީގެ އިތުރުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް މީރާއަށް ދައްކަން ޖެހޭނެ ކަމަށާއި އެ ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފި ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރާނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ޕްލާސްޓިކް ކޮތަޅުން ފައިސާ ނުނެގޭނެ ހާލަތްތަކެއް ބަޔާން ކުރައްވާފައިވާއިރު، އޭގެތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރި، ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅު ހިމެނެ އެވެ. އަދި ބަންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުންކުރާ ކޮތަޅު ވެސް ހިމެނެ އެވެ.

ހަމަމިއާއެކު 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އާއި ކުނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅުން ވެސް ފައިސާ ނުނެގޭނެ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.

މި އިސްލާހަށް އަމަލު ކުރަން ފަށާނީ ރައީސް، ބިލް ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ.