ހުޅުމާލެ ޕޮލިހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި "އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު" 2 ކޭސް ބިޔަރާއި މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ، ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދެއަކުން ހައްޔަރުކޮށްފައިވަނީ މި މަހު 26 ވަނަ ދުވަހު 30 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެއްކަމަށެވެ.

Ad
rt

އޭނާ ހުއްޓުވާފައިވަނީ ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގު ބުރިޖު ކައިރިން ނެވެ. އޭނާގެ އަތުން 48 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެ އިތުރުން ހަމަ އެދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއް ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށާއި އެއީ ދިވެހިންކަމެއް ނުވަތަ ބިދޭސީންކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލެއިން މަސްތުވާ ތަކެއްޗާއި ބަނގުރާ މިފަހަކުން އައިސް ވަރަށް ގިނައިން އަތުލައިގަނެއެވެ. ގިނައިން އަތުލައިގަންނަނީ ހަފްތާ ބަންދާއި ދިމާކޮށް ހިނގާ އޮޕަރޭޝަން ތަކުގަ އެވެ.