ރ. ދުވާފަރު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) ގެ މަގާމުގައި ހުރި މުޙައްމަދު ނާސިޙު ވެސް ސަސްޕެންޑުކޮށްފި އެވެ.

"ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، އެކައުންސިލްގެ އެސްޖީ ސަސްޕެންޑްކޮށްފައިވަނީ މިއަދު ކަމަށެވެ. މިހާރު އެކައުންސިލްގެ ހިންގުން ހަވާލުކޮށްފައިވަނީ ވަގުތީގޮތުން އެޒިންމާތަކާއި ހަވާލުކުރެވިފައިވާ މުވައްޒަފަކާ އެވެ.

Ad
rt

ޒިންމާތަކަށް އިހްމާލުވުމުން، ރ. ދުވާފަރު ކައުންސިލުގެ ހުރިހާ މެމްބަރުންވެސް ވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން ސަސްޕެންޑުކޮށްފަ އެވެ.

އެލްޖީއޭގެ އޮފިސަލަކު "ތިލަދުން" އަށް މަޢުލޫމާތު ދެމުން މިއަދު ވިދާޅުވީ، ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި އިތުރު މެންބަރު ސަސްޕެންޑް ކުރީ 3 މަހަށް ކަމަށެވެ. އިތުރު މެންބަރަކު 2 މަހަށް އަދި ބާކީ ހުރި މެންބަރު 1 މަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އިތުރު މެންބަރަކުވަނީ މީގެ ކުރިން އަމިއްލައަށް އިސްތިއުފާ ދީފަ އެވެ.

އެއާއި އެކު ކައުންސިލްގެ ހިންގުން އިއްޔެއިން ފެށިގެން ހަވާލު ކޮށްފައިވަނީ އެކަމުގައި ޝާމިލް ވާކަމުގެ ތުޙުމަތު ކުރެވޭ އެކައުންސިލްގެ ސެކެޓްރީ ޖެނެރަލް އާއެވެ.

ކައުންސިލަރުން ސަސްޕެންޑް ކުރަންޖެހިއްޖެ ހާލަތެއްގައި ކައުންސިލްގެ ހިންގުން ހަވާލުކުރުމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ އެސްޖީއަށެވެ.

އެރަށުގެ ކައުންސިލަރުންނާއި އެސްޖީ ސަސްޕެންޑްކޮށްފައި މިވަނީ ކައުންސިލްގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، ކައުންސިލަރު އަހުމަދު ސަމޫހު ވަނީ ކުރިން އިސްތިއުފާދެއްވާފަ އެވެ. އެހެންކަމުން ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލުކުރުން އެ މެމްބަރުންނަށް ވަނީ މަނާކޮށްފަ އެވެ.

ދުވާފަރު ކައުންސިލަށް ތުހުމަތުވާ ވައްކަމުގެ މައްސަލަ ހާމަވީ އެލްޖީއޭއިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ނެވެ. އެރިޕޯޓުގައިވާ ގޮތުން އެ ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސަރވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.

އެގޮތުން މޮނިޓަރިން ރިޕޯޓުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފު ޖުމުލަ 34 މައްސަލަ ފާހަގަކޮށްފައި ވެެއެވެ.

އެގޮތުން ކޮވިޑް-19 ދުވަސްވަރު މެމްބަރުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންގެދިޔަކަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ކައުންސިލްގެ ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށްފައިވާއިރު އެކަމުގެ އެއްވެސް ހިސާބެއް ބަލަހައްޓާފައެއް ނުވެއެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ފަރުވާތެރިވެފައިނުވާއިރު މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސީއެސްސީގެ ގާނޫނުތަކާއި ހިލާފަށެވެ.