މުލިއްސެއް ޖަހައިގެން ދިޔައިމަ ވެސް ޅ. އަތޮޅު ހޮސްޕިޓަލުން ނުނެގޭ ކަމަށާއި އެންމެރަނގަޅު ގޮތަކީ އެތަން ތަޅު އެޅުވުން ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ހުރި ހޭނައްތާ މެޝިން ހަލާކުވެފައި ހުންނަތާ 6 މަސް ވެއްޖެ ކަމަށާއި މަރާމާތު ނުކުރެވިގެން އުޅެނީ ބަޖެޓު ނެތުމުން ކަމަށް ބުނާ ކަމަށެވެ.
ހޭނައްތާ ޑޮކްޓަރު އެހެން ރަށަކަށް ގޮސްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މަސައްކަތް ކުރެވޭނެ ގޮތެއް ނެތި، އަދި އޭނާގެ (ޑޮކްޓަރުގެ) ސްކިލް އިތުރުކުރެވޭނެ ގޮތެއް ނެތިއްޔާ ދެން ޖެހޭނީ އެ ވަސީލަތްތައް ހުރިތަނަކަށް ދާން ކަމަށެވެ.
މީގެ އިތުރުން ސަރުކާރަށް ވަަރަށްބޮޑަށް ފާޑުވިދާޅުވެ، ޝިޔާމް ވިދާޅުވީ އެ ހޮސްޕިޓަލަށް ލޮލުގެ ހާއްސަ ޑޮކްޓަރެއް ވެސް ފޮނުވި ކަމަށާއި އެކަމަކު އެއީ ނަމަކަށް ފޮނުވި މީހެއް ކަމަށެވެ.
"ނައިފަރު ހޮސްޕިޓަލަށް ލޮލުގެ ހާއްސަ ޑޮކްޓަރެއް ފޮނުވި، އެކަމަކު އޭނަ މަސައްކަތް ކުރާނީ ކިހިނެއްތޯ އިއްޒަތްތެރި ރައީސް، އެ ހިދުމަތް ބޭނުންކުރާނެ ވަސީލަތެއް ނެތް އެތާގަ. ދެން ގޮސް މިޖެހެނީ އެއްކަލަ ބަޖެޓުގަ. އަޅުގަނޑު މިދައްކަނީ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އަތޮޅުގެ ހޮސްޕިޓަލުގެ ވާހަކަ. އެހެންވީމަ މާރަނގަޅުވާނެ ނޫންތޯ ރައީސް ގޮސް އެތަނުގަ ތަޅުއެޅުވިއްޔާ" ޝިޔާމް ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސީއެމްބިއުލާންސް ގެ ހިދުމަތް ވެސް މެދުކެނޑިފައި އޮންނަތާ 6 މަހަށް ވުރެ، ގިނަވެއްޖެ ކަމަށާއި ހޮސްޕިޓަލުގެ މުވައްޒަފުން މަސައްކަތްކުރާ ކޮމްޕިއުޓަރުތައް ވެސް ހުރީ ހަލާކުވެފައި ކަމަށެވެ.
ނައިފަރު ހޮސްޕިޓަލަކީ ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހެދުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދެއް ކަމަށާއި ނަމަވެސް މިހައިތަނަށް އައި އިރުވެސް އެ ފެންވަރަށް ގެންދިއުމަށް އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ކުރަނީ ކޮން ކަމެއްކަން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!