ޖަލު އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްގީ ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މާފުށީ ޖަލުގައި 18 ގޮޅީގެ ޔުނިޓަކާއި 50 ގޮޅީގެ ޔުނިޓެއް ގާއިމުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޖަލަށް މަނާތަކެތި ވަންނަ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ މިކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިކަމުގައި މަދު އޮފިސަރުންގެ ބައިވެރިވުން އޮންނަކަމަށެވެ. އަދި މިފަދަ ކަންކަން ނުކުރުމަށާއި މިފަދަ މައްސަލަތައް ބެއްލެވުމުގައި ގެންގުޅުއްވަނީ ޒީރޯ ޓޮލެރަންސް ޕޮލިސީއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް އޮތްކަން އެގިއްޖެނަމަ، ހަރުކަށި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ. މާފުށި ޖަލުގައި ކުރެވުނު ބޮޑެތި ކަންތައްތަކުގެ ތެރޭގައި ޤައިދީން ރިހެބިލިޓޭޓްކުރުމަށް ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމާއި ގައިދީންނާއި ބަންދުމީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މެޑިކަލް ސެންޓަރެއް ގާއިމްކުރުމާއި އޮންލައިން ސްޕެޝަލިސްޓް ޑޮކްޓަރ ކޮންސަލްޓޭޝަން ފޯރުކޮށްދޭން ފެށުނުކަން ވެސް ފާހަގަ ކުރައްވާފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު ހާޟިރީއަށާއި އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލާ އާއި ލިޔުން ހަވާލުކޮށްފައިވާއިރު، މާފުށީ ޖަލުގެ ޑިއުޓީ އަދާކުރަނިކޮށް ނިޔާވި ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދުގެ ހަނދާނުގައި ސުކޫތެއް ވެސް ވަނީ ގެނެސްފަ އެވެ.