ފާއިތުވި ދެ އަހަރު ތެރޭގައި ބައިނަލްއަޤްވާމީ މަޝްރަހުގައި ހިނގާފައިވާ ބޮޑެތި ކަންތައްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް ޝާއިރުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އައު ތިންކް ޓޭންކެއް ކަމުގައިވާ ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީއިން "އިމްޕެކްޓް އޮފް ނޮން-އެރައިވަލް އޮފް ޗައިނީސް ޓުއަރިސްޓްސް ޓު ދަ މޯލްޑިވްސް" މި ރިޕޯޓް ނެރެފައިވަނީ އިއްޔެގަ އެވެ.

Ad
rt

ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީ އަކީ ބައިނަލްއަޤްވާމީ ކަންކަމަށް ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ނަޒަރިއްޔާތުން ބަލާ ދިރާސާކުރާ ދިވެހިރާއްޖޭގެ ތިންކްޓޭންކްއެކެވެ.

އެ ރިޕޯޓުގައިވަނީ ކޮވިޑް-19 ގެ ސަބަބުން ޗައިނާގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރަށް ހާއްސަ ސަމާލުކަމެއް ދީފައެވެ.

އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން، ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންކަމަށް ބުނެފައިވެއެވެ. މިގޮތުން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ޗައިނާއިން 284,000 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށާއި ނަމަވެސް ކޮވިޑާއި ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކުރުމުން 2020 ވަނަ އަހަރު ޗައިނާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ އެންމެ 34,000 ފަތުރުވެރިންކަމަށް ބުނެފައިވެއެވެ.

ބަލިމަޑުކަން ފެށުނުފަހުން ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު 2020 ގެ ކުރިން އައި އަދަދުތަކާ އަދިވެސް ގާތް ނުކުރާކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.

"ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުން ފަތުރުވެރިން އިންތިހާއަށް މަދުވުމާއި ކޮވިޑް ބަލިމަޑުކަމުގެ ދަތިތަކާއެކުވެސް ދިވެހި ފަތުރުވެރިކަން ވަނީ ހައިރާންކުރުވަނިވި ދުވެއްޔެއްގައި ރުޖޫއަވެފައެވެ. ދިވެހިރާއްޖޭގެ ބޯޑަރުތައް އަވަސް ގޮތެއްގައި ޖުލައި 2020 ގައި ހުޅުވާލުންފަދަ ސަރުކާރުގެ ސިޔާސަތުތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުން އައު މާކެޓްތައް ހޯދުމުގެ ސަބަބުން 2021 ވަނަ އަހަރު ދިވެހިރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ 2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ ގާތްކުރާ އަދަދެކެވެ."

އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިގޮތުން ފާހަގަކޮށްލެވޭ ސިޔާސަތެއްގެ ގޮތުގައި ދިވެހިރާއްޖެއާ އިންޑިއާއި ދެމެދު ހެދުނު މޯލްޑިވްސް-އިންޑިއާ ޓްރެވަލް ބަބަލް ހިމެނޭކަމަށާއި މި ސިޔާސަތާއި ގުޅިގެން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދިޔަކަން ފާހަގަކޮށްފައިވެއެވެ.

މީގެ ތެރެއިން ގިނަ ފަތުރުވެރިން ރާއްޖެ އައީ އެކުވެރި ޢަރަބި އިމާރާތަށް ދަތުރުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަރަންޓީން ފުރިހަމަ ކުރުމުގެ ގޮތުންކަމަށާއި މި ޓްރެވަލް ބަބަލްގެ ސަބަބުން 2021 ގައި 291,000 އިންޑިއާ ފަތުރުވެރިން ޒިޔާރާތްކޮށް ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަށް އިންޑިއާ ވެގެންދިޔަކަމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރަޝިއާ މާކެޓް 220,000 ފަތުރުވެރިންނާއެކު 2021 ވަނަ އަހަރު ވަނީ ފުޅާވެފައެވެ. އަދި ޔޫކްރެއިންފަދަ އިރުމަތީ ޔޫރަޕުގެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދުވެސް 2021 ގައި ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމާއި ޗައިނާގެ ހާރިޖީ ސިޔާސަތުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.

އެގޮތުން، ޗައިނާއިން ވަނީ އެކި ފަހަރު މަތިން އެ ޤައުމުން ކުރިއަރުވަން ބޭނުންވާ ހާރިޖީ އަދި ސިޔާސީ މަޤްޞަދުތައް ހާސިލްކުރުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި އެ ޤައުމުން އެހެން ޤައުމުތަކަށް ދާ ފަތުރުވެރިކަން ހުއްޓުވާފަ ކަމަށާއި އެގޮތުން، ބަލިމަޑުކަމުގެ ކުރިން ޗައިނާއިން ވަނީ 2014 ގައި ފިލިޕީންސް، 2017 ގައި ދެކުނު ކޮރެއާ އަދި 2019 ގައި ޓައިވާން އަށް ޗައިނާގެ ފަތުރުވެރިން ދިޔުން ހުއްޓުވާފަކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ޗައިނާއިން ވަނީ އޮސްޓްރޭލިއާއަށް ދާ ފަތުރުވެރިން ހުއްޓުވާނެ ކަމުގެ އިންޒާރުދީފައިކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޗައިނާއިން ވަނީ ދެ ފަހަރެއްގެ މަތިން، ރައީސް ނަޝީދުގެ ވެރިކަމުގައި، އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން ކޮންޓްރޯލް ކޮށްފާނެ ކަމުގެ ނުސީދާ އިންޒާރު ރާއްޖޭގެ ހާރިޖީ ފަރާތްކަށް ދީފައެވެ.

މިކަން ހިނގާފައިވަނީ ޤުއަންޓަނާމޯ ބޭގައި ތިބި އޮއިގަރ މުސްލިމުން ދިވެހިރާއްޖޭގައި ވަޒަންވަރިވުމުގެ ފުރުޞަތު އޮތްކަން ހާމަކުރުމާއި ގުޅިގެންނާއި، ކޯޕަންހޭގަންގައި ބޭއްވުނު ކޮޕް15 މޫސުމީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ފާޑުކިޔުމާ ގުޅިގެންނެވެ. މި ދެ ފަހަރުވެސް، ޗައިނާއިން ވަނީ އެ ޤައުމުގައި ތިބި ރާއްޖޭގެ ޑިޕްލޮމެޓުން ޗައިނާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ފަރާތްތަކުން މިކަން ބަލައިގަތީ ޗައިނާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓުވާލަފާނެ ކަމުގެ ނުސީދާ އިންޒާރެއްގެ ގޮތުގައިކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ އަޞަރާއި ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ކޮށްފައިކަމަށް ބުނެފައެވެ.

މިގޮތުން، 2021 ވަނަ އަހަރު ޗައިނާ މާކެޓް ދަށްވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބައްދައިދިން ދެ މާކެޓްކަމުގައިވާ، ރަޝިއާ އަދި ޔޫކްރެއިންއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2022 ގެ ފުރަތަމަ ދެ ކުއާޓަރގައި ވަނީ ދަށަށް ގޮސްފައިވީނަމަވެސް ރަޝިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ އިތުރުވަމުންކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ހިނގަމުންދާ ކަންކަމުން ކުރާ ނޭދެވޭ އަޞަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނަމަވެސް، އެ ކަންކަމުން އަރައިގަންނަ ބާރުމިން އަވަސްކަމުގައި މި ރިޕޯޓުގައި ފާހަގަކުރެވެއެވެ.

މީގެ ސަބަބެއްކަމުގައި ސަރުކާރުން އަވަސްގޮތެއްގައި އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ފާހަގަކުރެއެވެ.

"އިމްޕެކްޓް އޮފް ނޮން-އެރައިވަލް އޮފް ޗައިނީސް ޓުއަރިސްޓްސް ޓު ދަ މޯލްޑިވްސް" ފުލް ރިޕޯޓް މި ލިންކަށް ފިއްތައްވާލައިގެން ޑައުންލޯޑް ކޮށްލެވޭނެއެވެ. ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީ އާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް www.baanicentre.org އަށް ޒިޔާރަތްކޮށްލައްވާށެވެ.