2023 ވަނަ އަހަރަށް ލަފާކޮށް ހުށައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ޚަރަދުކުރަން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ.
އިދިކޮޅުގެ ޕީޖީ ގުރޫޕުން އިއްޔެ ނުރުނު ނެރޭ ނޫސްބަޔާނެއްގައި ބުނީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިޤްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއްކަމަށް އެ ޕާލިމެންޓްރީ ގްރޫޕަށް ޤަބޫލުކުރެވޭ ކަމަށެވެ.
މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް ދިވެހި އިޤްތިސާދުގެ މުހިއްމު ބައެއް ހިއްސާކުރާ ދިވެހި ޢާއްމުންގެ ބޮޑު އާބާދީއެއްކަމަށްވާ މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297،474،863ރ. މަސްވެރިންގެ ސަބްސިޑީއަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 214 މާއްދާގެ (ހ)ގެ ދަށުން އެ ޕާލިމެންޓްރީ ގްރޫޕުންވާނީ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓަށް އިޞްލާހު ހުށައަޅާފައި ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޙަޤީޤީ ޒިއްމާތައް އިސްކޮށް، ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށައަޅާފައިވާ އިސްލާޙުތަކަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދު ކޮށްދެއްވާނެ ކަމަށް އުއްމީދުކުރާކަމަށެވެ.
އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރު ކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކޮމިޓީން ބަޖެޓު ފާސް ކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ސަރުކާރުގެ އެންމެ ފަހު ބަޖެޓަށް މިއަދު މަޖިލީހުގައި ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!