ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލަދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ.

އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

Ad
rt

މި މަހުގެ 25 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރުމަށްފަހު، ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ އާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތުތަކެވެ.

އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ މީހާ މާލޭގެ ގޭންގަކަށް ނިސްބަތްވުމާއި އޭނާ އަކީ މާރާމާރީ އާއި ތޫނު ހަތިޔާރާ ގުޅުންހުރި ރެކޯޑު އޮންނަ މީހަކަށް ވުން ހިމެނެ އެވެ.

މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ހަބީބު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް، ކުރި ކަމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. އަދި ހެކީގެ ގޮތުގައި ހެކިންގެ ހެކި ބަހާއި، ސީސީޓީވީ ސްނެޕްޝޮޓުތަކާއި، އިންޒާރުގެ މެސެޖުތަކުގެ ސްކްރީންޝޮޓް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން، މުޖުތަމައުގެ ސަލާމަތަށްޓަކައި އެ މީހާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އެބައޮތް ކަމަށާއި އެހެންވެ، ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް ވަނީ އަމުރު ކުރައްވާފަ އެވެ.