ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

"ތިލަދުން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެއީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތެއް އެ އިދާރާއިން އަދި ހާމައެއް ނުކުރައްވައެވެ.

މި މަހުގެ 22 ވަނަ ދުވަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި މެމްބަރު މޮސްޓާ އަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާއިރު، އެ ހަމަލާގައި އޭނާ އަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައެއް ނުވެ އެވެ.

އެހެންނަމަވެސް އޭނާގެ ހަށިފާރަވެރިޔާގެ ގޮތުގައި އެވަގުތު ހުރި މީހާއަށް ވަނީ އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބިއެވެ.

މޮސްޓާ އަކީ މިނިވަން މެންބަރެއްގެ ގޮތުގައި ނޮޅިވަރަމް ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރެކެވެ.