ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން މިއަދުގެ ވަކި ވަގުތެއްގައި އެތަނަށް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން ނޮވެންބަރު 26 ވާ ހޮނިހިރު ދުވަހު (މިއަދު( އެއްވެސް އަގަކާ ނުލައި ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން އެ ފުރުސަތު އޮންނާނީ މިއަދު ހެނދުނު 10:00 ން ހަވީރު 6:00 އަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ގައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހު އެވެ. މިހާރު ބޭނުންކުރަމުންދާ ގައުމީ ދާރުލްއާސާރަކީ 2008 ވަނަ އަހަރު ބިންގާ އަޅާ، 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވައި، ބޭނުން ކުރަން ފެށި ތަނެކެވެ.

ދިވެހިންގެ ތާރީހު ފެންނަން އޮތް އެންމެ މުހިންމު ބިނާއަކީ މިތަން ކަމުގައިވާއިރު، މިއީ ފަތުރުވެރިންގެ ޝައުގުވެރިކަން ވެސް ހުރި މުހިންމު ބިނާއެއްވެސް މެއެވެ. އަދި ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި އާންމުންގެ މެދުގައި ވެސް މިއީ މަގުބޫލު ތަނަކަށްވާއިރު، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އަންނަނީ އެތަނަށް ޒިޔާރަތްކޮށް، ރާއްޖޭގެ ތާރީހާއި ގުޅޭ މައުލޫމާތު އެއްކުރަމުން ނެވެ.

އެންމެ އެވޭލާ ޒަމާނުގެ ތާރީހުން ފެށިގެން، ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްގީގެ މަރުޙަލާތަކާއި ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތަކާއި ރާއްޖޭގައި ފާހަގަކޮށްފައިވާ ހާއްސަ ކަންތައްތަކުގެ މަޢުލޫމާތު ވެސް އެތަނުގައި ވަނީ ރައްކާކޮށްފަ އެވެ. އަދި އެކި ދުވަސްވަރު ދިވެހިންގެ ދިރިއުޅުން ދައްކުވައިދިން ވަރަށް ގިނަ ތަކެއްޗާއި ދިވެހިންގެ ސަގާފަތާއި ތަރިކަ އަދި ފަންނުވެރިކަން ވެސް ދައްކުވަދޭ ތަކެތި އެތަނުގައި ހުރެ އެވެ.

ގައުމީ ދާރުލްއާސާރު ޒަމާނީކޮށް، އެތަނަކީި އާއްމުންނަށް ޝައުގުވެރި ތަނަކަށް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރައްވަމުން ނެވެ.

އެގޮތުން އެތާނގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި، އެ ތަކެތި ޑިސްޕްލޭކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

އޭގެ ތެރޭގައި ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓަރީ ތަރައްގީ ކުރުމާއި ދާރުލްއާސާރަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ތަނަކަށް އެތަން ހެދުމަށް ވަނީ ނިންމާފަ އެވެ.

ގައުމީ ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ އިދާރާއެކެވެ.

އެހެންކަކުން ދާރުލްއާސާރަކީ ޝައުގުވެރި ތަނެއްގެ ގޮތުގައި ބަދަލުވެގެން އައުމަކީ، މިތަނުގެ މުހިންމުކަން ބުނެދީ ތާރީހު ކުރިއެރުވުމަށް ކުރެވޭނެ މުހިންމު މަސައްކަތަކަށްވެގެން ދާނެކަން ޔަގީނެވެ.