ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވުމާއި ގުޅިގެން މިއަދު ހެދި ޓެސްޓުތަކަށް ފަހު، ނޭމާއަށް ބްރެޒިލް މުބާރާތުގައި ދެން ކުޅޭ ދެމެޗުގައި ވެސް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.

ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ ހޯދުމަށް ސާބިއާގެ މިލެންކޮވިޗް ކުރި ޓެކުލްއާއި ގުޅިގެންނެވެ. އޭގެ އެއް މިނެޓް ފަހުން ނޭމާ ވަނީ ބަދަލު ކޮށްފައެވެ.

Ad
rt

ނޭމާގެ އިތުރުން ފައިގެ ކުޑަހުޅަށް އަނިޔާވެ ބްރެޒިލް ޓީމްގެ ރައިޓް ބެކަށް ކުޅެމުން އަންނަ ޑަނީލޯއަށް ވެސް މުބާރާތުގައި ކުރިއަށް އޮތް ދެ މެޗު ނުކުޅެވޭނެ ކަން ވަނީ ޔަގީންވެފައެވެ.

ވުމާއެކު މި ދެ ކުޅުންތެރިންނަށް ގްރޫޕް ސްޓޭޖުގައި ބްރެޒިލްއާއި ސްވިޒަލޭންޑް އަދި ބްރެޒިލްއާއި ކެމަރޫން ބައްދަލުކުރާ މެޗުގައި ނުކުޅެވޭނެއެވެ.

މި ދެ ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބްރެޒިލް ޓީމްގެ ޑޮކްޓަރ ރޮޑްރިގޯ ލެސްމާ ބުނެފައިވަނީ ދެ ކުޅުންތެރިންގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ އިތުރަށް ބެލުމަށް މިއަދު އެމްއާރުއައި ހަދާފައިވާ ކަމަށާއި ދެ ކުޅުންތެރިންގެ ވެސް ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނެފައި ވަނީ މިވަގުތު މުހިންމީ އެ ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާ ދުވަހުން ދުވަހަށް ކައިރިން ބަލައި މުބާރާތުގެ ބާކީ އޮތްބައިގައި އެ ކުޅުންތެރިންގެ ބޭނުން ހިފޭވަރުވުމެވެ.

ރޭ މެޗުގައި ނޭމާ ބޭލުމަށް ފަހު ބެންޗްގައި އޭނާ އިން ވަގުތު ބްރެޒިލް މެޑިކަލް ޓީމުން އޭނާއަށް ވަނީ ފަރުވާ ދީފައެވެ. ފަހުން ސޯސަލް މީޑީއާގައި އާންމު ވެފައިވާ ފޮޓޯތަކުން ވެސް ނޭމާގެ ކަނާތުފައިގެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވާ މަންޒަރު ފެނެއެވެ.

އަނިޔާގެ މައްސަލަތައް ބޮޑު ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ދަނޑުބޭރުގައި ފާއިތުވި އަހަރު ތަކުގައި ވެސް ގިނަ ދުވަސްތަކެއް އޭނާ ވަނީ ހޭދަކޮށްފައެވެ.

ރޭގެ މެޗުގައި ނޭމާއަށް ގިނަ ފައުލްތަކެއް ކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. ޖުމްލަ ނުވަ ފައުލް ނޭމާއަށް ރޭގެ މެޗުގައި ކޮށްފައިވާއިރު، މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ފައުލް ކޮށްފައި ވަނީ ނޭމާއަށެވެ.