ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ، މުބާރާތް ބާއްވާ ގަތަރާއި ސެނެގާލް ބައްދަލުކުރި މެޗު ސެނެގާލުން ކާމިޔާބު ކޮށްފިއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ސެނެގާލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުން ބަލިވުމުން މުބާރާތުގައި ކުރިއަށް ދިޔުމުގެ އަމިއްލަ ބާރު ގަތަރަށް ވަނީ ގެއްލިފައެވެ. ގަތަރު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައެވެ. މިރޭ މެޗުން ބަލިވުމުން ކުޅުނު ދެމެޗުން ވެސް ގަތަރަށް ޕޮއިންޓެއް ލިބިފައިނުވެއެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ނެދަލެންޑްސްއާއި އިކުއެޑޯ މިރޭ 21:00 ގައި ވާދަކުރާއިރު، އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. މި ދެ ޓީމް ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ.

މިރޭގެ މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ސެނަގާލުންނެވެ. ނަމަވެސް މެޗުގައި ސެނެގާލްއަށް ލަނޑެއް ޖެހިފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވީ ފަހުންނެވެ. މި ލަނޑު ސެނެގާލްއަށް ކާމިޔާބު ކޮށްދީފައި ވަނީ ބްލާޔޭ ޑިއާއެވެ.

ސެނެގާލްގެ ދެވަނަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ޖާކޮބްސް ނަގައިދިން ކޯނަރަކުން ތަނަވަސްވީ ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ދިއޭދޫއެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ގަތަރުން ވަނީ ލަނޑެއްޖަހައި އެ ޓީމަށް އުންމީދު އައު ކޮށްދީފައެވެ. މި ލަނޑު މުޙައްމަދު ސެނެގާލްގެ އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މުންތާރީއެވެ.

ސެނެގާލުން މެޗުގެ ތިންވަނަ ލަނޑު 84 ވަނަ މިނެޓުގައި ޑިއާޔޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބަމްބާ ޑިއެންއެވެ.

ފުރަތަމަ މެޗުން ނެދަލެންޑްސް އަތުން ސެނެގާލް ބަލިވި ނަމަވެސް މި މެޗުން މޮޅުވުމުން މުބާރާތުގައި ކުރިއަށް ދިޔުމަށް އެ ޓީމަށް ވެސް ވަނޯ އަމިއްލަ ބާރު ލިބިފައެވެ. މި ގްރޫޕްގެ ފަހު މެޗުގައި އިކުއެޑޯއާއި ސެނެގާލް ބައްދަލުކުރާ މެޗު ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު މިހާރު އެ ޓީމަށް ވަނީ ލިބިފައެވެ.