ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ޓްރެއިނިންގ ކޭމްޕަކަށް ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ.
މި ޓީމު އެ ގައުމަށް ޓްރެއިނިންގ އަށް ފުރީ އެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ ތުއްތު ކުދިންނާ ވެސް އެކުގަ އެވެ. މީގެ ކުރިން މިފަދަ ޓީމުތައް ދާއިރު، ހަމައެކަނި ކުޅުންތެރިންނާއި އޮފިޝަލުންނަށް ދެވުނު ނަމަވެސް، މިއީ ތުއްތު ކުދިން ގޮވައިގެން ދާ ފުރަތަމަ ފަހަރެވެ.
ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިން މީގެ ފަހުން ވިހެއުމަށް ފަހު ކުޅުން ހުއްޓާލާ، ކުޅިވަރު ކުޅުމާ ދުރަށް ދާން ވިސްނާކަށް ނުޖެހޭނެ ކަމަށެވެ.
ތުއްތު ހަތަރު ކުދިން ގޮވައިގެން ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އެއް އަހަރު ނުވާ ދަރިފުޅު ގޮވައިގެން ބޭރު ގައުމުތަކުގައި ބާއްވާ މުބާރާތްތަކަށާއި ތަމްރީނު ކޭމްޕްތަކަށް ކުޅުންތެރިން ފޮނުވޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ މީގެ ފަސް އަހަރު ހަ އަހަރު ފަހުން މިއަދު މިކުރާ މަސައްކަތުގެ ނަތީޖާ ފުޓުބޯޅައިން އަދި އެހެން ކުޅިވަރުތަކުން ވެސް ފެނިގެންދާނެ ކަމަށް." މަހްލޫފް ވިދާޅުވި އެވެ.
އިއްޔެ ގައުމީ އަންހެން ވޮލީ ޓީމާއި ފިރިހެން ވޮލީ ޓީމް ސައޫދީ އަށް ޓްރެއިނިން ކޭމްޕަކަށް ފުރާފައި ވަނީ އަންނަ މަހުގެ 18 ގައި ރާއްޖޭގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ކުރިން ވިދާޅުވެފައިވަނީ ފުޓްބޯޅައިގެ އިތުރުން އެހެނިހެން ކުޅިވަރުތަކުން، ކުރިއަށް އޮތް އަހަރުތަކުގައި ރަނގަޅު ނަތީޖާ އެއް ފެންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!