ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޖަރުމަނާއި ޖަޕާން މިރޭ ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބު ކޮށްފިއެވެ.
މިރޭ ގަތަރުގެ އަލް ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޖަޕާނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެސް ޖަރުމަނުންނެވެ. ނަމަވެސް ޖަޕާނުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލާފައެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ޖަރުމަނުންނެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނު ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. ގިނަ ހަމަލާތަކެއް އެ ޓީމުން އުފެއްދި ނަމަވެސް ޖަޕާން ކޮޅަށް ލަނޑެ ޖެހޭވަރުވީ މެޗުގެ 32 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޖަޕާންގެ ކީޕަރު ޖަރުމަނުގެ ޑިފެނޑަރ ރައުމްއަށް ޖަޕާންގެ އޭތިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ގުންޑަގަން ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ޖަޕާނުން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ވެސް ޖަރުމަނުން ދިޔައީ ޖަޕާނުގެ ގޯލަށް ބާރު ބޮޑު ކުރަމުންނެވެ. މިގޮތުން 59 ވަނަ މިނެޓުގައި ގުންޑަގަން ފޮނުވާލި ހަމަލާއެއް އަމާޒުވެފައި ވަނީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ޖަރުމަނުގެ ޑިފެންޑަރ ރައުމް ޖަޕާންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ޖަރުމަނުގެ ފޯވާޑް ގްނަބްރީ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ސަލާމަތް ކުރީ ޖަޕާނުގެ ކީޕަރެވެ. އެ ބޯޅަ ދެވަނަ ފަހަރަށް ގްނަބްރީއަށް ފޮނުވާލަން ލިބުނު ނަމަވެސް އޭނާ ފޮނުވާލި ދެވަނަ ބޯޅަ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖަޕާންގެ ކީޕަރު ގޮންޑާ ވަނީ ދިފާއުކޮށްފައެވެ.
ޖަޕާނުގެ އަސާނޯއަށް މެޗުގެ 73 ވަނަ މިނެޓުގައި ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ޖަރުމަންގެ ކީޕަރު މެނުއެލް ނޯޔާ ދިފާއުކުރިއެވެ. އެ ބޯޅަ ދެވަނަ ފަހަރަށް ލިބުނީ ހިކޯރީ ސަކާއީ އަށެވެ. ހުސްކޮށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޖަޕާނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. މި ލަނޑަކީ ޓަކޫމީ މިނަމީނޯއަށް ޖަރުމަނު އޭރިއާތެރެއިން ލިބުނު ބޯޅަ ހުރަސްކުރި ވަގުތު ޖަރުމަނު ކީޕަރު ނޯޔާގެ އަތުގައި ޖެހިފައި ނުކުތުމުން ރިޓްސޫ ޑުއާން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ޖަޕާނުން މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލި ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޓަކޫމާ އަސާނޯއެވެ. ފަހަތުން ސަކާއީ ކުރިއަށް ދިން ބޯޅަ އަސާނޯ ހުސްކޮށް ހުރެ ކޮންޓްރޯލް ކޮށްލުމަށްފަހު ޖަރުމަނުގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ވަނީ ގޯލަށް ވައްދާލާފައެވެ.
ޖަރުމަނުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖުން ކަޓާފައެވެ. މި މެޗުން ބަލިވުމާއިއެކު ޖަރުމަނު މި ވަނީ މި އަހަރުގެ މުބާރާތުގައި ވެސް ޕްރެޝަރަށް ވެއްޓިފައެވެ.
މި ގްރޫޕުގައި ޖަޕާނާއި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ކޮސްޓަރިކާއާއި ސްޕެއިންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!