ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ގްރޫޕް ޑީގައި ފްރާންސާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގައި، އަނިޔާވެ އެ ޓީމްގެ ޑިފެންޑަރ ލޫކަސް ހެނާންޑޭޒްއަށް މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެކަން ޔަޤީނެ ވެއްޖެއެވެ.
ރޭ ގްތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ.
ބަޔާން މިއުނިކަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ހެނާންޑޭޒްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ މެޗުގެ 13 ވަމިނެޓުގައި ބަދަލު ކޮށްފައެވެ. އޭނާގެ ބަދަލު ކުޅެން ނުކުމެފައި ވަނީ އޭސީ މިލާނަށް ކުޅެމުން އަންނަ އޭނާގެ ކޮށްކޮ ތިއޯ ހެނާންޑޭޒްއެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އޮސްޓްރޭލިއާއިންނެވެ. މި ލަނޑު 9 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގޫޑްވިންއެވެ. ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސުން ވަނީ ހަތަރު ލަނޑުޖަހައި މެޗު ކާމިޔާބު ކޮށްފައެވެ. ފްރާންސަށް ލަނޑުތައް ކަހައިދިނީ އެމްބާޕޭ، ރެބިއުޓްގެ އިތުރުން ޖިރޫޑެވެ. މި މެޗުގައި ޖިރޫޑް ވަނީ ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑާއިއެކު ފްރާންސް ގައުމީ ޓީމަށް 51 ލަނޑު ޖަހައިގެން ހެންރީ ހަދާފައިވާ ރެކޯޑާއި ޖިރޫޑް ވަނީ އަރާ ހަމަކޮށްފައެވެ.
ލޫކަސްއަށް ލިބިފައިވާ އަނިޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗް ޑިޝޯމްޕް ބުނެފައި ވަނީ ލޫކަސްއަށް އަނިޔާވުމުން ދެރަވާ ކަމަށާއި، އޭނާއަށް އަނިޔާވުމުން ގެއްލިގެން އެދިޔައީ މުބާރާތުގައި އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
ވޯލްޑް ކަޕާއި ކުރިމަތިލީއިރު އަނިޔާގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވީ އެއް ޓީމަކީ ފްރާންސެވެ. އަނިޔާގެ ސަބަބުން ޕޮގްބާ، ކަންޓޭގެ އިތުރުން ކިމްޕެމްބޭ ވެސް ޓީމުން ބާކީކުރިއިރު، މުބާރާތަށް ޓީމް އެކުލަވާލައި ޕްރެކްޓިސް ފެށިފަހުން ވެސް ވަނީ މުހިންމު ދެ ކުޅުންތެރިއަކަށް އަނިޔާވެގެން ޓީމުން ބާކީ ކުރަން ޖެހިފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ބޮލެންޑިއޯ އެވޯޑް ކާމިޔާބުކުރި އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ބެންޒެމާގެ އިތުރުން މި ސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި ލައިޕްޒިގްގެ ފޯވާޑް އެންކުންކޫ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!