ރާއްޖޭގެ ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ "ޕީއެސްއެމް ނިއުސް" ގައި ވާހަކަ ދައްކަވަމުން ނެެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ކުރިއްސުރެ، ކުރަމުން އަންނަކަމެއް ކަމަށާއި ފެށުނީއްސުރެއް މޫ ލާފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ޖަލު އޮފިސަރުންގެ އަތެއް ވެސް ވާކަމަށެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން އޭނާ ވިދާޅުވީ ފުލުހުންނާ ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު، މި އޮޕަރޭޝަން ހިންގަނީ އެ އިދާރާ ގުޅިގެން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ޝާމިލުވާ އޮފިސަރުން ދެނެގަނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެއްވެސް މުވައްޒަފަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ހެއްކެއް ހޯދަން ޖެހޭ ކަމަށާއި އެއީ ދިމާވާ އެންމެ ބޮޑު އެއް ދަތި ކަމަށެވެ.
"މުވައްޒަފަކަށް ފިޔަވަޅެއް ނޭޅޭނެ ޝައްކެއްގެ މައްޗަކަށް. އެކަށީގެންވާ ޕްރޫފެއް އޮންނަންވާނެ ނޫންތޯ. އޮޕަރޭޝަންތައް މި ހިންގަނީ އެހެންވެ. ބައެއް އޮފިސަރުންނަށް މިހާރު ވަނީ ފިޔަވަޅުވެސް އަޅާފައި" އަހުމަދު ވިދާޅުވި އެވެ.
ހަމަމިއާއެކު ޖަލުތަކަށް ފޯނު ވައްދާ މައްސަލަ ހުއްޓުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބައްލަވާލައްވާ ވިދާޅުވީ އެ މައްސަލަ އަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، ޖޭމަރ ބޭނުންކުރަން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެއީ އެންމެ އެދެވޭ ހައްލު ލިބޭނެ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުވާނީ، ޖަލު ސަރަހައްދުގައި އެންޓަނާ ހަރުކޮށްފައި ކަމަށާއި މިއީ ޖަލު ތެރެއިން ދާ ކޯލްތައް ދެނެގަނެވޭނެ ނިޒާމެއް ކަމަށެވެ.
މީގެ ކުރިން ޖެހެނީ ޑިވައިސް ފަހާ ދުވަން ކަމަށާއި އެންމެ ޑިވައިސްއެއް ވައްދައިގެން 50 ސިމް ވެއްދިޔަސް ޖަލު ތެރެއިން ބޭނުންކަންކަން ކުރިން ކުރަމުން އައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންނަމަވެސް މިހާރު ސީދާ ޑިވައިސް އައިޑެންޓިފައިވާނެ ކަމަށާއި އެ ޑިވައިސް އޮތް ތަން ވެސް ވަގުތުން ދެނެގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަށީގެންވާ ފުރިހަމަ ނަތީޖާއެއް ފެންނަން ގިނަ ދުވަސްނަގާނެ ކަމަށާއި އެއް ދުވަހުން މިކަންކަން ނުނިމޭނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ މައްސަލައަކީ އާންމު ކަމަކަށްވާއިރު، ގިނަބަޔަކަށް އަންނަ ސްކޭމް ކޯލް ތަކަކީ ވެސް ޖަލުގެ ތެރެއިން އަންނަ ކޯލުތަކެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުން ނެވެ.
މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަރެކްޝަނަލް ސަރވިސް އިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިހައިތަނަށް އެކަމުގެ ހައްލެއް ވަނީ ނުލިބި އެވެ. ނަމަވެސް މި ގާއިމުކުރި ޑިވައިސްގެ ސަބަބުން އެކަމަށް ހުއްޓުމެއް އައުމަކީ އެންމެހައި ދިވެހީންގެ ވެސް އުއްމީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!