ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސައިގެ އަޑުއެހުންތައް ނިމުމަކަށް އައިސް، ހުލާސާ ބަޔާން ހުށަހެޅުމާއި ހަމައަށް ހިނގައްޖެ އެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނު މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި އިއްޔެ އެންމެފަހުން ކުރިއަށް ގެންދިޔައީ ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ހެއްކާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ޔޫސުފް ނައީމްގެ ފަރާތުން ވަނީ ތާއީދުކުރާކަން ހާމަކޮށްފައިވާއިރު، ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ވެސް އޭނާގެ ދިފާއީ ވަކީލް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އިއްޔެގެ ޝަރީއަތް ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ގާޟީ އަހްމަދު ޝަކީލް ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު އެ އަޑުއެހުން ބާއްވާނެ ކަމަށެވެ.
އެހެންކަމުން އެ ދުވަހު އޮންނާނީ ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވެވުން ކަމަށް ބެލެވޭއިރު، ގާޟީ ވަނީ އެއް އަޑުއެހުމެއްގައި ހުލާސާ ބަޔާން ހުށަހަޅައި ނިންމާލުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އެ އަޑުއެހުމަށްފަހު އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި، ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!